މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރާކަމަށް ބެލެވޭތީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލަ ތަޙްޤީޤުކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 63 ވަނަ ބައްދަލުވުމުގައިވަނީ އިބްރާހީމް ޝާހިދުގެ މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.
މިމައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރާކަމަށް ބެލެވޭތީކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައިވާއިރު، ކޮރަޕްޝަނާއި، ޖިންސީ ފުރައްސާރައާއި ގުޅިގެން ޖޭއެސްސީން ކުރި ތަޙުޤީޤު ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކުރުމަށް ދާދިފަހުން ޖޭއެސްސީންވަނީ ނިންމާފައެވެ.
ނަމަވެސް އެ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ގޮތަށް އޭނާ މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅަން ތައްޔާރުވެފައި ވަނިކޮށް މަޢުޞޫމް ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ.
ޖޭއެސްސީން ގެންދަވަނީ މާލޭގައި ހުންނަ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީންނާއި އެކިއެކި ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންގެ މައްޗަށް ތުހުމަތުކުރެވޭ ތަފާތު މައްސަލަތައް ބަލަމުންނެވެ. މީގެ ތެރޭގައި ޖޭއެސްސީއަށް ހުށައެޅޭ ޝަކުވާތަކާއި ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކާއި އެނޫންވެސް އެކި ބާވަތްތަކުގެ މައްސަލަތައް ހިމެނެއެވެ.