ކުޅިވަރު

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު ފަސްކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި


ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިޚާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ނިންމައިފިއެވެ.

ކުޅިވަރާއިބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެންވެސް ޓީޓީގެ އިންތިހާބު އިންސާފުވެރިކަމާއެކު ހިނގާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)އެވެ.

މި މައްސަލާއިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ވަނީ ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވެފައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލި، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއްކުރިމަތި ވެގެންދާނެތީ، ވަގުތީ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށްވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑުކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގޭ ކަމަށެވެ.

ޓީޓީގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ދީފައެވެ.

އައިޓީޓީއެފް މެމްބަރ ރިލޭޝަންސް ޑައިރެކްޓަރ ސޮއިކުރައްވައި ޓީޓީ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީއެއްގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާ އެސޯސިއޭޝަން ފޯރ ސަމަރ އޮލިމްޕިކް އިންޓަނޭޝަނަލް ފެޑެރޭޝަންގެ ރެކޮމެންޑަޝަނާ އެއްގޮތަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ގައުމީ އެސޯސިއޭޝަންތައް އެސޯސިއޭޝަނެއްގެ ގަވާއިދުތަކާއި ކަނޑައަޅާފައިވާ ހަމަަތަކާ އެއްގޮތަށް ހިނގުމަކީ އައިޓީޓީއެފްއިން ވަރަށް ހަރުކަށިކޮށް ބަލަމުންދާ ކަންކަން ކަމަށެވެ.

އަދި އެހެންމެ މިފަދަ މައްސަލައެއް ޖައްސާނަމަ ހިންގާ ކޮމިޓީގެ 50 އިންސައްތަ ތާއީދު އެ ކޮޅަކަށް ލިބިގެން މެނުވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފައެވެ.

ޓީޓީގެ މައްސަލަ ގޯސްވެ، އިންތިޚާބުގެ ފޯރިގަދަވެފައިވާ އިރު، ތިން ފަރާތަކުން ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. ޓީޓީގެ އިންތިޚާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ތާވަލު ކޮށްފައި އޮތީ މާދަމާއަށެވެ.