ޚަބަރު

ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ޝަރީޢަތަކަށް ވެއްދުމުގެ ފުރުޞަތުދޭން ކްރިމިނަލް ކޯޓުން ނިންމައިފި


ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ޤާނޫނީ ވަކީލުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ކްރިމިނަލް ކޯޓުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯވިޑް-19 ފެތުރެމުންދާ މި ހާލަތުގައި އެކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ މަޖިލިސްތަކުގައި މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރުމަށް ވަކީލުންނާ މަޝްވާރާ ކުރަންބަލާއިރު، ޢާންމު ގޮތެއްގައި ވަކީލުންގެ ތާވަލު އިންތިޒާމުކުރަމުން ގެންދަނީ އޮންލައިން އެޕްލިކޭޝަންތަކުގެ އެހީގައިކަމަށްވުމުން ޝަރީޢަތުގެ މަޖިލީހަށް ލެޕްޓޮޕާއި ޓެބްލެޓާއި ފޯނުފަދަ ވަސީލަތްތައް ނުވެއްދޭތީ، ތާވަލު ބެލުމުގެ ފުރުޞަތު ދިނުމަށް ވަކީލުން އެދެމުންދެމުންދާކަމަށެވެ.

އެހެންކަމުން އެފުރުޞަތު ވަކީލުންނަށް ދިނުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން މެދުކަނޑާލަންޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޯޓާއި ވަކީލުންގެ ގިނަ ވަގުތު ގެއްލިގެންދާތީ މިކަން ޙައްލުކުރުމަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ދައުލަތާއި ދަޢުވާލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދިނުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.

ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދިންނަމަވެސް، މި ވަސީލަތްތައް މެދުވެރިކޮށްގެން ޝަރީޢަތުގެ މަޖިލީހުގެ ކަންކަން ރެކޯޑްކޮށް ފޮޓޯނަގާ ހެދުމަކީ މަނާކަމެކެވެ. އެފަދަ ކަމެއްކޮށްފިނަމަ، އެ ވަކީލަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަބަލާ ޤާޟީއަށް ލިބިގެންވާކަމަށް ކްރިމިނަލްކޯޓުންވަނީ ވިދާޅުވެފައެވެ.

އަދި މިއީ ޖިނާއީ ޢަދުލު ނިޒާމުގެ ދުވެލި އަވަސްކޮށް ޒަމާނީ އުޞޫލުތައް ތަޢާރަފްކުރުމަށް ކްރިމިނަލް ކޯޓުން ކުރަމުންދާ މަސައްކަތް ތަކުގެތެރެއިން އެޅި ފިޔަވަޅެކަމަށްވެސް އެކޯޓުން ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މިހާރު މިއޮތްހާލަތުގައި ބަލި ފެތުރުން މަދުކުރުމަށް އަތުންއަތަށް ބަދަލުކުރެވޭ ލިޔެކިޔުންތައް ވީހާވެސް މަދުކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް އިލެކްޓްރޯނިކް ޒަރިއްޔާއިން މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައްވަނީ ހަމަޖައްސާފައިވާކަމަށްވެސް އެ ކޯޓުން ވިދާޅުވެއެވެ.