މި ސީޒަނުގައި އާސެނަލްގެ އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށް އެޓީމުގެ ކޯޗު މިކޭލް އާޓެޓަރ ބުނެފިއެވެ.
ޕްރިމިއަރ ލީގުގައި މިއަދު ފުލަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާޓެޓަރ ބުނީ ކުލަބު ބެލެންސް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށާއި އަދިވެސް ޓްރާންސްފާ މާކެޓުގައ ކުޅުންތެރިން ހޯދުމަށް އާސެނަލުން ހަރަކާތްތެރި ވާނެކަމަށެވެ. ހުސްވި ޑިސެންބަރު މަހު އާސެނަލުގެ ކޯޗުކަމާ ހަވާލުވި އާޓެޓަރ ބުނީ އާސެނަލަށް އިތުރު ފެންވަރު ރަނގަޅު ކުޅުންތެރިން ބޭނުންވާކަމަށާއި އެހުނުރުތައް މަދުވާ ތަންތަނަށް އާ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ޓްރާންސްފާ މާކެޓުގައި ހޯދާ ދެ ކުޅުންތެރިޔަކުން ކުލަބުން ބޭނުންވާ އަމާޒަށް މަސައްކަތް ނުކުރެވޭނެކަމަށް އާޓެޓަރ ވަނީ ބުނެފައެވެ. އޭނާ ބުނީ ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން އަދިވެސް އާސެނަލަށް އިތުރު ކުޅުންތެރިންތަކެއް ގުޅުމުގެ ފުރުސަތު ބޮޑުކަމަށެވެ. ހުސްވި ސީޒަނުގެ އާސެނަލްއަށް އެފްއޭކަޕުގެ ތަށި ހޯދައިދިން ކޯޗު ބުނީ އާސީޒަނުގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ އެންމެ މުހިންމު އަމާޒުކަމަށެވެ.
މިއަދު އާސެނަލްއާ ފުލަމް ވާދަކުރާ މެޗުން ޕްރިމިއަރ ލީގުގެ ކުޅުންފަށާނެއެވެ. މެޗާ ކުރިމަތިލާއިރު އަނިޔާގެ ސަބަބުން އާސެނަލުގެ ހަތް ކުޅުންތެރިޔަކު މެޗުގައި ނުކުޅޭނެއެވެ.