ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 27 ވަނަ ދުވަހު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާއްމު ޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް، މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އޮންލައިންކޮށްކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަންޖެހޭނެކަމަށެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގެ އެޖެންޑާގައިވާ ކަންކަމުގެ ތެރޭގައި ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ވޯޓަށް އެހުން ހިމެނެއެވެ. އަދި ކުރިއަށް ދައުރަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އިންތިޚާބުވެސް އަހަރީ އާއްމު ޖަލްސާގައި ކުރިއަށްދާނެއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހާގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.