ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު ކުރެވުނު އެންމެ ރަނގަޅަކަށް މި ސީޒަނުގައި މަސައްކަތް ކުރަން ބޭނުންވާކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ ދިގު ލީގަކަށް ނުކުންނައިރު ޓީމުގައި ވަރުގަދަ ކުޅުންތެރިން ތިބުމަކީ ލިބޭނެ ފައިދާއެއް ކަމަށެވެ. ލަމްޕާޑް ބުނީ ޓީމަށް ގެނައި ކުޅުންތެރިންނާއެކު ކްލަބުގެ ހައިބަތުވެސް މިހާރު ބޮޑުވެއްޖެކަމަށާއި ޓީމާ މެދު ވާދަވެރިން ދެކޭގޮތް ވެސް ތަފާތުވެއްޖެކަމަށެވެ. ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމާއި ވިއްކުމުގައި އޮތީ އޭނާގެ ނުފޫޒު ނޫންކަމަށާއި ކޮންމެ ކަމެއް ވެސް ނިންމުމުގެ ކުރިން އޭނާ ޓީމާއެކު ޝްވަރާކުރާ ކަމަށް ލަމްޕާޑު ބުންޏެވެ.
ލަމްޕާޑް ބުނީ ކްލަބުގެ މިހާރު ޓެކްނިކަލް އަދި ޕާފޯމެންސް ޑައިރެކްޓަރއާއި އެޓީމުގެ ކުރީގެ ގޯލްކީޕަރު ޕީޓަރ ޗެކުގެ އެހީތެރިކަމާއި ލަފާ ލިބޭކަމަށެވެ. ލަމްޕާޑު ބުނީ ކާމިޔާބު ލިބޭނީ ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކޮށްގެން ކަމަށާއި ކުލަބުގެ ކޯޗާ ކުޅުންތެރިންނާ އޮންނަ ގުޅުން އަބަދުވެސް ރަނގަޅުވާން ޖެހޭނެކަމަށެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއާއެކު ޕްރިމިއަރ ލީގުގެ ހަތަރު ވަނައިގައި ނިންމާލި ކޯޗު ބުނީ އައު ކުޅުންތެރިންނަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. ޗެލްސީއަށް ހުސްވި ސީޒަނުގައި އެފްއޭ ކަޕުގެ ފައިނަލުގައި ކުޅުނު ކޯޗު ބުނީ މަސައްކަތްކުރާނީ މި ފެށި މަސައްކަތް ވީ އެންމެ ރަނގަޅަކަށްކޮށް ނިންމާލަން ކަމަށާއި މުޅި ޓީމު އެކީގައި ވެސް އަދި ވަކިވަކި ކުޅުންތެރިންނާއެކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހިފައިކަމަށެވެ.
އެންމެ ފަހުން މިދިޔަ މަހު ޕްރީ ސީޒަންގައި ބްރައިޓަން އާއި ޗެލްސީ ކުޅުނު ތަމްރީން މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.