ކުޅިވަރު

ސަސްޕެންޝަނުގެ މުއްދަތު ހަމަވެ މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް


ވަރލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ވާދަކުރާ އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކޮޑްގައި މެސީ ހިމަނައިފިއެވެ.

މީއީ އެންމެ ފަހުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެސީއަށް ރަތްކާޑު ދައްކައި ސަސްޕެންޑު ކުރިފަހުން އޭނާ ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. މެސީ ސަސްޕެންޑްކުރީ ރަސްމީ މެޗުތަކުގެ ތެރެއިން އެއް މެޗަށެވެ. އެހެންނަމަވެސް އޭގެފަހުން އެއް އަހަރު ފާއިތުވެފައިވުމާއެކު ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއިން ބުނީ މެސީ ސަސްޕެންޝަނުގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށެވެ.

ކުރިން މާޗު މަހު ބާއްވަން އުޅުނު ކޮލިފައިން ބުރުގެ މެޗުތައް އަންނަ މަހަށް ފަސްކުރީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުންނެވެ. މެސީ އާއިއެކު ލިއޮނެލް ސްކޮލާނީގެ ސްކޮޑުން ޖާގަދިން އަނެއް ދެ ކުޅުންތެރިންނަކީ ޕައުލޯ ދިބާލާ އާއި ލައުޓަރޯ މާޓިނޭޒްއެވެ. ވަރލްޑް ކަޕް ކޮލިފައިންގެ މެޗުތައް އާޖެންޓީނާއިން ފަށަނީ އަންނަ މަހުގެ 8 ވަނަ ދުވަހު އިކުއޭޑޯއާއި ދެކޮޅަށް ކުޅޭ މެޗުންނެވެ. އޭގެ ފަސް ދުވަސް ފަހުން އާޖެންޓީނާ ރަށުން ބޭރުގައި ނުކުންނާނީ ބޮލީވިއާ ދެކޮޅަށެވެ.