އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްބްރޮމްއާ ވާދަކޮށް މޮޅެއް ހޯދުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ދެއްކި މޮޅު ކުޅުމުންކަމަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އެވަޓަން މެޗު ކާމިޔާބުކުރީ ވެސްޓްބޮރުމުން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި 5 ލަނޑު ޖަހައި 5-2 ގެ ނަތީޖާއަކުންނެވެ. ވެސްޓްބްރޮމްގެ ކިއަރަން ފުރަތަމަ ހާފްގައި ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑު ބައެއް ދިހަ ކުޅުންތެރިންނާއެކު ކުޅުނު ވެސްޓްބްރޮމުން ވަނީ ދެވަނަ ހާފްގައި ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ.
މި މެޗުގައި އެވަންޓަންގެ ޑޮމިނިކް ކުލެވާޓް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މެޗުގައި ޓީމާ އަލަށް ގުޅުނު ކޮލަންބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް ވަނީ އެވަޓަންއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު އަންޗެލޮޓީ ބުނީ މެޗުން މޮޅުވިނަމަވެސް އިދިކޮޅު ޓީމުގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވިކަމަށާއި ހާއްސަކޮށް އެވަޓަންއަށް ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެން އުނދަގޫވިކަމަށެވެ. އޭނާ ބުނީ އެއް ކުޅުންތެރިޔަކު މަދުކޮށް ވެސްޓްބްރޮމުން ކުޅެން ޖެހުމުން އޭގެ ފައިދާ ނެގުނުކަމަށެވެ. ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމުގެ ރޫހު އޮތީ ވަރުގަދަކޮށް ކަމަށް އެވަޓަންގެ ކޯޗު ބުންޏެވެ. އެވަޓަންގެ ކޯޗު އަންޗެލޮޓީ ވަނީ ހަމޭސް ރޮޑްރިގޭޒް މެޗުގައި ދެއްކި މޮޅު ކުޅުން ފާހަގަކޮށްފައެވެ.
ވެސްޓްބްރޮމްގެ ކޯޗު ސްލެވަން ބިލިޗް ބުނީ މެޗުން ބަލިވީ މިފެންވަރުގައި ހަދަންނުވާ ގިނަ ގޯސްތަކެއް ހެދުމުން ކަމަށެވެ. އަދި މެޗުގެ ނަތީޖާގެ ފަރަގު ބޮޑުވީ އެކަކު މަދުން ކުޅެންޖެހުމުން ކަމަށާއި ރަތް ކާޑުގެ ތަފްސީލު ރެފްރީ ދޭންޖެހޭނެކަމަށެވެ. ލީގުގެ ފުރަތަމަ ދެ މެޗުން ހޯދި މޮޅާއެކު އެވަޓަން އޮތީ ހަ ޕޮއިންޓާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގެވެ.