އަތޮޅުތައް

އަންހެނުންގެ ހިއްސާ އިތުރުކުރުމާއިގުޅޭ ތަމްރީން ގދ ގައި ފަށައިފި


އިގްތިސާދީ ގޮތުން އަންހެނުންގެ ހުނަރު އިތުރުމަށް ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ގދ ތިނަދޫގައި ފަށައިފިއެވެ.ގދ އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވާ މި ތަމްރީން ޕްރޮގްރާމްގައި ކޮންމެ ރަށަކުން 3 އަންހެން ބޭކަނބަލަކު ބައިވެރިވެފައިވެއެވެ. ތަމްރީން ފެށުމަށް މިއަދު ހެނދުނު ތިނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.ޝަރަފްވެރި މެހްމާން ދެއްކެވި ވާހަކަފުޅުގައި ގދ އަތޮޅަކީ ޒަމާނުއްސުރެ ހީވާގި މަސައްކަތްތެރި އަންހެން ކަނބަލުން ތަކެއް ދިރިއުޅެމުންދާ އަތޮޅެއް ކަމަށާއި، ސަރުކާރުން އަންހެނުން ބާރުވެރި ކުރުމަށް ކުރިއަށްގެންދާ މި ފަދަ ޕްރޮގްރާމްތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ. އަދި އެކި އެކި ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ފިރިހެނުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.މީގެ އިތުރުން އަންހެން ކަނބަލުންނަކީ އެ ފަރާތްތަކާއި ހަވާލުކުރާ ޒިންމާތައް ފުރިހަމައަށް ނަންގަވާ ބައެއް ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ތަރައްގީކުރުމާއި ގުޅޭ ތަޖުރިބާކާރުންނާއި، ޖެންޑަރ މިނިސްޓްރީގެ ކަމާއި ބެހޭ ތަޖުރިބާ ކާރުންނެވެ.މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ސެޝަންތަކުގައި ވިޔަފާރި ޕްލޭން ތައްޔާރުކުރާނެ ގޮތާއި، ޖިންސީ ފުރައްސާރަފަދަ އަންހެނުންނަށް ކުރިމަތިވާ އިޖުތިމާއީ މައްސަލަތަކަށްވެސް އަލި އަޅުވާލާނޭ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 16 ސެޝަނެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.