ކުޅިވަރު

ސުއަރޭޒް ދޫކޮށްލަން ނިންމީ އަހަންނެއްނޫން: ކޫމަން


ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑާ ގުޅުނު ލުއިޒް ސުއަރޭޒް ދޫކޮށްލަން ނިންމީ އޭނާ ނޫންކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ ދޫކޮށްލަން ސުއަރޭޒް ނިންމި ނަމަވެސް ފަހުން ކުލަބުގައި މަޑުކުރަން އޭނާ ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކުލަބުގެ ބޯޑުންވަނީ ކޫމަންގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭކަމަށް ބުނެ ކުޅުންތެރިޔާ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ވިއްކާލާފައެވެ. ކޫމަން ބުނީ އޭނާ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ކުލަބުން ވަނީ ނިންމުންތަކެއް ނިންމާފަކަމަށާއި ފަހުން އެކަމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެކަމަށެވެ. މެސީ ހުރީ ކުލަބުގެ ނިންމުމާމެދު މާޔޫސްވެފައިކަމަށް ކޫމަން ބުންޏެވެ. އެހެންނަމަވެސް މެސީއަކީ އެހެން ކުޅުންތެރިންނަށް ނަމޫނާއެއްފަދަ ކުޅުންތެރިޔެއްކަމަށް ކޫމަން ވަނީ ބުނެފައެވެ.

ބާސާގެ ކޯޗު ބުނީ މެސީ ކުލަބުގެ ވެރިންނާއި މައްސަލަ ޖެހުނު ނަމަވެސް ތަމްރީންތަކުގައި ކުޅުނު މެޗުތަކުން އެކަން ނުފެންނަކަމަށެވެ. މިރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ވިޔަރެއާލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ކޫމަން ބުނީ ސްކޮޑުގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށާއި އަބަދުވެސް ބާސެލޯނާގައި ރަނގަޅު ކުޅުންތެރިން ތިބުމަކީ ކުލަބުގެ ކުރިމަގަށް މުހިންމުކަމެއް ކަމަށެވެ.