ކުޅިވަރު

ނޭމާއަށް އަނިޔާވެ ޕީއެސްޖީއަށް ހާސްކަން


ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާއަށް އަނިޔާވެ ލީގުގައި ކުރިޔަށް ހުރި މެޗުތަކެއް ގެއްލިދާނެކަމަށް ޕީއެސްޖީއިން ބުނެފިއެވެ.

އޭނާއަށް އަނިޔާވީ 2 މެޗުގެ ސަސްޕެންޝަނަކަށްފަހު އެންމެފަހުން ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅެނިކޮށެއެވެ. ޕީއެސްޖީ 2-0 އިން މޮޅުވި މެޗުގައި ނޭމާ އަށް ދެވަނަ ހާފްގައި އަނިޔާވި ނަމަވެސް ނޭމާ ވާނީ މެޗު ފުރިހަމަކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީ ކޯޗު ތޯމަސް ޓުޗެލް ބުނީ ކުރިޔަށްހުރި މެޗުތައް ނޭމާއަށް ގެއްލިދާނެކަމަށާއި އޭނާގެ ހާލަތާ ގުޅޭގޮތުން ގޮތް ނިންމާނީ ޓީމުގެ ޑޮކްޓަރުންކަމަށެވެ. މެޗުން ހޯދި މޮޅަށްފަހު ޓުޗެލް ބުނީ ޓީމުން މެޗުގައި ދެއްކީ މޮޅު ކުޅެމެއް ކަމަށާއި މެޗުގައި ފުރުސަތުތައް ޕީއެސްޖީއިން ތަނަވަސް ކުރިކަމުގައި ވިޔަސް މާގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ހިތްހަމަނުޖެހޭކަމަށެވެ.

އޭނާ ބުނި ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ ޕީއެސްޖީން ނަތީޖާގެ ފަރަގު ބޮޑު ކުރީސްކަމަށެވެ. އޭނާ ބުނީ ލީގުގައި ފުރަތަމަ ދެ މެޗުން ޓީމު ބަލިވީ ޓީމު ދޫކޮށްލި ކުޅުންތެރިންނާއެކު ހަމަޔަކަށް ނޭޅިއޮއްވާކަމަށެވެ. ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އައު ކުޅުންތެރިޔަކު ލިބޭތޯ މަސައްކަތް ކުރަމުންދާކަމަށް ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ އުންމީދަކީ މިސީޒަނުގައި ވެސް ޓީމުގައި ވަރުގަދަ ސްކޮޑެއް އޮތުންކަމަށެވެ. ހާއްސަކޮށް ބެންޗުން އަރައި ކުޅެން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ތިބެންޖެހޭކަމަށް ޕީއެސްޖީ ކޯޗު ބުންޏެވެ. ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ޕީއެސްޖީ ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.