ކުޅިވަރު

އެޓްލާންޓާއިން ބޮޑު ކުރިއެރުމެއް ހޯދައިފި: ގެސްޕަރީނީ


އިޓާލިއަން ސެރިއާގައި މިހާތަނަށް މިސީޒަނުގައި ދެއްކި ކުޅުމުން ޓީމުން ހޯދި ކުރިއެރުން ފެންނަކަމަށް އެޓްލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނެފިއެވެ.

އިޓާލިއަން ލީގުގައި ލާޒިއޯގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ގެސްޕަރީނީ ބުނީ އެނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޮޑެތި ޓީމްތަކާ ދެކޮޅަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ހަމަހަމަ ކުޅުމެއް ދެއްކުންކަމަށެވެ. ޓީމަށް މިއަދު މިހިސާބަށް އާދެވުނީ ވެތުވެދިޔަ އަހަރުތަކުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށް ގެސްޕަރީނީ ބުންޏެވެ.

އޭނާ ބުނީ ޖެނުއަރީ ފެށިގެން ޓީމު އަންނަނީ ކޮންމެ ތިން ދުވަހުކުން މެޗުތައް ކުޅެމުން ކަމަށާއި މިމެޗުތަކުގައި ޓީމު ރޮޓޭޓްކުރުމާއެކު ޓީމާ އަލަށް ގުޅުނު ކުޅުންތެރިންވެސް މިހާރު މަޑުމަޑުން ޓީމުގެ ބައްޓަމަށް ހޭނެމުން އަންނަކަމަށް ގެސްޕަރީނީ ބުންޏެވެ. ޓީމުން މިހާރު ދަނީ ކުރިއެރުން ހޯދަމުން ކަމަށް ހުސްވި ސީޒަންގައި ހަތަރު ވަނައިގައި ނިންމާލި ކޯޗު ބުންޏެވެ.

ލީގުގެ ވާހަކަދައްކަން މާ އަވަސް ކަމަށާއި 20 މެޗު ނިމުން ލީގާމެދު ސުވާލުކުރަމަށް އޭނާ ވަނީ އެދިފައެވެ. މި ސީޒަނުގައި ލީގަށް ވާދަކުރާނީ ނަޕޯލީ އާއި އިންޓަ މިލާން އާއި ޔުވެންޓަސް ކަމަށް އެޓްލާންޓާގެ ކޯޗު ވަނީ ބުނެފައެވެ.