ކޯވިޑް-19އަކީ ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ބަލި ފެތުރުމުގެ ފުރުޞަތު ބޭރު ތެރެއަށްވުރެ ވައި ދައުރު ނުވާ ތަންތަނާއި ބައިބޯ ތަންތަނުގައި ބޮޑެވެ. ބަންދުވެފައިވާ ތަނެއް ނޫންނަމަ ސާފު ވައިގެ ސަބަބުން ބަލިޖައްސާ ވައިރަސްގެ އަސަރުކުޑަވާކަމަށް ބެލެވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ ކޯވިޑް-19 ފެތުރޭ މައިގަނޑު ވަޞީލަތަކީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ޑްރޮޕްލެޓުކަމަށެވެ. ބަލި ޖެހިފައިވާ މީހަކާ ސީދާ ބައްދަލުވެފައިވާ މީހުންނާއި ގާތްކޮށް އުޅޭ މީހުންނަށް ފަސޭހެއިން ބަލިފެތުރެނީ ޑްރޮޕްލެޓުގެ ޒަރިއްޔާއިންނެވެ. ހަމަ އެހެންމެ ބަލިޖައްސާ ވައިރަހުގެ އަސަރުކޮށްފައިވާ ތަނެއްގައި އަތްލެވުމުގެ ސަބަބުންވެސް ބަލި ފެތުރެއެވެ. މިގޮތަށް ބަލިފެތުރުމަށް ކިޔަނީ ފޮމައިޓް ޓްރާންސްމިޝަނެވެ.
ނަމަވެސް ރަނގަޅަށް ވައި ދައުރުނުކުރާ ނުވަތަ ބަންދުވެފައިވާ ތަންތަނުގައި ވައިގެ ޒަރިއްޔާއިން ބަލި ފެތުރުމަކީވެސް އެކަށީގެންވާކަމެކެވެ. ބަންދުވެފައިވާ ރެސްޓޯރަންޓުތަކާއި ޖިމްތަކާއި އޮފީސްތައް ނުރައްކާތެރިވަނީ މި ސަބަބާ ހުރެއެވެ. އެހެންކަމުން އެފަދަ މާހައުލުތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން ވަރަށް މުހިންމެވެ.
ބަންދުވެފައިވާ ތަންތަނުގައި ބަލި ފެތުރުނަ ނުދިނުމަށް ކުރެވިދާނެ ކަންކަންއެބަހުއްޓެވެ. އެންމެ މުހިންމުކަމަކީ ރަނގަޅަށް ވައި ދައުރުވާކަން ޔަޤީންކުރުމެވެ. އެދެވޭ މިންވަރަށް ވައި ދައުރުވާނަމަ ކޮންމެ ތަނަކަށްވެސް ސާފު ވައި އެތެރެވެ، ތަޣައްޔަރުވެފައިވާ ވައި ބޭރުވެއެވެ. ގޭގޭގެ އިތުރުން އޮފީސްތަކާއި މަދަރުސާތައްފަދަ އާންމު ތަންތަނުގައި ވައިގެ ދައުރުވާކަން ޔަޤީންކުރުމަށް ކުރެވޭނެ އެންމެ ފަސޭހަކަމަކީ ކުޑަދޮރުތަކާއި ދޮރުތައް ހުޅުވާފައި ބެހެއްޓޭނަމަ އެގޮތަށް ބެހެއްޓުމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގައި ކޮންސަލްޓަންޓެއްގެ ހައިޞިއްޔަތުން މަސައްކަތްކުރައްވާ ލުކާ ފޮންޓާނާ ވިދާޅުވީ ސާފު ވައި ދައުރުވޭތޯ ބެލުމުގެ އިތުރުން ގިނަގިނައިން އަތް ދޮވުމާއި މާސްކު ބޭނުންކުރުމާއި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމަކީ ބަލިފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައްކަމަށެވެ. ވައިދައުރުކުރުމުގެ ބޭނުމަކީ އިމާރާތުގެ އެތެރޭގައި ހުންނަ ވައި ބޭރުން އަންނަ ތާޒާ ވައިން ސާފުކޮށްދިނުމުގެ އިތުރުން އެ ތަނެއްގައި ހުރި ތަޣައްޔަރުވެފައިވާ ވައި ބޭރުކޮށް ނޭވާލުމަށް ސާފު ވައި ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ތަންތަނުގައި ގުދުރަތީގޮތުން ވައި ދައުރު ނުވާނަމަ އެކަން ހާސިލްކުރުމަށް ބޭނުންކުރެވިދާނެ ނިޒާމުތަކާއި ވަސީލަތްތައް އެބަހުއްޓެވެ. އެފަދަ އެއް ނިޒާމަކީ ހީޓިންގ، ވެންޓިލޭޝަން އެންޑް އެއާ ކޮންޑިޝަނިން ނުވަތަ އެޗްވީއޭސީ ނިޒާމެވެ.
ޑަބްލިއުއެޗުއޯއިން ބުނީ ރަނގަޅަށް ހިންގައި އަދި ބަލަހައްޓާއި އެޗްވީއޭސީ ނިޒާމަކުން އެތެރޭގެ މާހައުލުތަކުގައި ކޯވިޑް-19 ފެތުރުން މަދުކޮށްދޭނެކަމަށެވެ. އެ ނިޒާމުން އެކަން ހާސިލްކުރަނީ ވައި ދައުރުވާ މިންވަރު އަވަސްކޮށް، އެތެރޭގައި ހުރި ވައި ބޭރުވުމަށްފަހު އަލުން އެތެރެވިޔަ ނުދީއެވެ. އެފަދަ ނިޒާމުތައް ބޭނުންކޮށްގެން ބޭރުން އެތެރެއަށް ވަންނަ ވައިގެ މިންވަރު އިތުރުކޮށްދެއެވެ. ޑަބްލިއުއެޗުއޯއިންވަނީ އެފަދަ ނިޒާމުތައް ހިންގުމުގައި ބަލަންޖެހޭ ކަންކަން ފާހަގަކޮށްފައެވެ. އަދި މާހިރުންގެ ބެލުމުގެ ދަށުން ޤަވާއިދުން އެ ނިޒާމުތައް ޗެކުކޮށް ސާފުކޮށް ބަލަހައްޓަންޖެހޭނެކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.
ހައި އެފިޝަންސީ ޕާޓިކިއުލޭޓު އެއާ ނުވަތަ ހެޕާ ފިލްޓަރަކީ ވައިގެ ތެރެއިން ޖަރާސީމު ނައްތާލުމަށް މަތިންދާބޯޓުފަދަ އުޅަނދުތަކާއި ހަސްފަތާލުތަކުގައި އާންމުކޮށް ބޭނުންކުރާ ފިލްޓަރެކެވެ. އެފަދަ ފިލްޓަރުތަކުން ވަރަށް އަވަހަށް ވައިގައި ހުންނަ ޖަރާސީމުތައް ސާފުކޮށްދޭތީ އެފަދަ ފިލްޓަރު ބޭނުންކުރާ މާހައުލުގައި ކެއްސުމާއި ކިންބިހި އެޅުމުގެ ޒަރިއްޔާއިން ބޭރުވާ ބަލިޖައްސާ ވައިރަހަށް އެހެން މީހުން ހުށަހެޅޭ މިންވަރު ވަރަށް ދަށްވެއެވެ.
ބައެއް ޙާލަތްތަކުގައި ފަންކާ ބޭނުންކުރުމުންވެސް ވައިގެ ފެންވަރު ރަނގަޅުވެ ބަންދުވެފައި ހުންނަ ތަންތަނުގައި ދައުރުނުވެ ހުންނަ ވައި ހިންގުމަށް އެހީތެރިވެދެއެވެ. ޑަބްލިއުއެޗުއޯއިން ބުނީ ބަލިޖެހިފައި ނުވާ މީހުން އެއްގެއެއްގައި ދިރިއުޅޭނަމަ މޭޒުމަތީގައި ބަހައްޓާ ފަންކާ ނުވަތަ ހަރުކޮށްފައި ހުންނަ ފަންކާ އެ ތަނެއްގައި ބޭނުންކުރުމަކީ ރައްކާތެރިކަމެއްކަމަށެވެ. ނަމަވެސް އެތަނެއްގައި ދިރިއުޅޭ މީހުން ނޫން ބަޔަކު އެތަނަކަށް ޒިރާރަތްކޮށްފިނަމަ ކުޑަދޮރުފަދަ ވައި ދައުރުވާނެ ވަސީލަތެއް ނެތްނަމަ ފަންކާޖެހުން ރަނގަޅެއް ނޫނެވެ. ބަލިޖެހިފައިވާ މީހަކު ބަންދުވެފައިހުރި ތަނެއްގައި ހުރިނަމަ އޭނާ ހުރި ދިމާލުން އެހެން މީހަކާ ދިމާލަށް ސީދަލަށް ވައިޖެހޭނަމަ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
ވަޔާއި ފެނާއި ފަށަލަތަކުގައި ހުންނަ ޖަރާސީމު ފިލުވުމަށް އަލްޓްރާވައިލެޓު ނުވަތަ ޔޫވީ ރޭޑިއޭޝަނަކީ އާންމުގޮތެއްގައި ރަނގަޅު ވަސީލަތެކެވެ. ނަމަވެސް ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ ބާވަތާ ދެކޮޅަށް ޔޫވީ ލައިޓު މަސައްކަތްކުރާ މިންވަރު އަދި ޔަޤީންކުރެވިފައެއް ނުވެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީއިން ބުނީ ޔޫވީ ރޭޑިއޭޝަނުން ކޮރޯނާވައިރަހުގެ ބޭރުގައި އިންނަ ޕްރޮޓީން ފަށަލަ ހަލާކޮކޮށްލާކަމަށެވެ. ނަމަވެސް ވައިރަހުގެ ބާރު ކަންޑުވަން ޔޫވީ ލައިޓު ބޭނުންވަނީ ކިހާ ބާރުގަދަ މިނެއްގައި ނުވަތަ ކިހާ އަވަސްއަވަހަށް ނުވަތަ ބޭނުންކުރަންޖެހެނީ ކިހާ ވަގުތަކަށްކަމާބެހޭ މާގިނަ ދިރާސާއެއް ކޮށްފައި މިވަގުތަކު ނެތެވެ.
ފޮންޓާނާ ވިދާޅުވީ ހަމައެކަނި ޔޫވީ ލައިޓު ބޭނުންކޮށްގެން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމަށާއި ޔޫވީ ލައިޓާއެކު އަބަދުވެސް ހެޕާ ފިލްޓާ ބޭނުންކުރަންވާނެކަމަށެވެ.
އދ.ގެ ޞިއްޙަތާބެހޭ ގުނަވަނުންވަނީ އަތުން ޖަރާސީމު ފިލުވުމަށާއި ހަމުން ޖަރާސީމު ފިލުވުމަށް ޔޫވީ ލައިޓު ބޭނުންނުކުރުމަށް ބުނެފައެވެ. އެފަދަ ގޮތަކަށް ޔޫވީ ލައިޓު ބޭނުންކޮށްފިނަމަ ހަމުގެ މައްސަލަތައް ދިމާވުމާއި ލޮލަށް ގެއްލުންވުން އެކަށީގެންވެއެވެ.
ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އާކިޓެކްޓުންނާއި އިންޖީނިއަރުންފަދަ އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވަނީ އިމާރާތްތައް ފަރުމާކުރުމާއި އާންމު ތަންތަން ފަރުމާކުރުމުގައި ބޭނުންކުރާ ވައްޓަފާޅިއަށް ބަދަލުގެންނަންޖެހޭކަން ފާހަގަވެފައެވެ.
އެމެރިކާގެ އެންވަރަމަންޓު ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ބުނީ އިދާރާތަކުގައި މުވައްޒަފުން ބޭނުންކުރާ ޑެސްކުތައް ތަރުތީބުކުރުމުގައި އެއް ޑެސްކު ކުރިމަތީގައި އަނެއް ޑެސްކު ބެހެއްޓުމުގެ އުސޫލު ބަދަލުކުރުން މުހިންމުކަމަށެވެ. ހަމަ އެއާއެކު ރަނގަޅަށް ވައި ދައުރުކުރޭތޯ ބެލުން މިހާރު މިވަނީ ވަރަށް ބޮޑަށް މުހިންމުވެފައެވެ. މޮރިޝަސްއާއި އިޓަލީވިލާތާއި ގާނާފަދަ ޤައުމުތަކުގައި ކުއްލި ފަރުވާދޭ އައިސީޔޫތަކާއި ކޯވިޑް-19އަށް ސްކްރީންކުރާ މަރުކަޒުތައް ފަރުމާކޮށްފައިވަނީ އިތުރު ވަސީލަތެއްގެ އެހީތެރިކަމާ ނުލާ ވައި ދައުރުކުރާނެފަދަ ގޮތަކަށެވެ. ފޮންޓާނާ ވިދާޅުވީ މުސްތަގުބަލުގައި އިމާރާތްތައް ފަރުމާކުރަން ބޭނުންކުރާނެ މިންގަނޑެއް ކަނޑައެޅިއްޖެނަމަ ވައި ދައުރުވާގޮތަށް އިމާރާތްކުރުމަށް ޚާއްޞާ ސަމާލުކަންދިނުން އެކަށީގެންވާކަމަށެވެ.
ވައިގައި ތަޣައްޔަރުކަން ހުރި މިންވަރު ބެލުމަށް ބޭނުންކުރާ ތަފާތު އާލާތްތައް މިހާރު ބާޒާރުގައި ލިބެން އެބަހުއްޓެވެ. ވައި ވަންނަ މިންވަރާއި ވައި އަންނަނީ ކޮން މިސްރާބަކުންކަން އެ އާލާތްތަކުން ބުނެދެއެވެ.
ފޮންޓާނާ ވިދާޅުވީ ވައިގެ ތެރޭގައި ހަށިގަނޑުން ބޭރުކުރާ ކާބޮންޑައިއޮކްސައިޑް ހުންނަ މިންވަރުން އިމާރާތްތަކުގެ އެތެރޭގައި ހުންނަ ވައިގެ ސާފުމިން ބުނެދޭނެކަމަށެވެ. އެތަނެއްގައި މީހުން ގިނަވާވަރަކަށް ވައިގެ ތެރެއަށް ކާބޮންޑައިއޮކްސައިޑް ދޫވާ މިންވަރު އިތުރުވާނެއެވެ. ރަނގަޅަށް ވައި ދައުރުވާނަމަ އެ މިންވަރު އިތުރުވުމުގެ ބަދަލުގައިވާނީ ދަށެވެ.