އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އަނބިކަނބަލުން، މެލާނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުވަނީ އިޢުލާނުކޮށްފައެވެ. ޞިއްޙަތު ރަނގަޅު މީހުންނަށް ކޯވިޑް-19 ޖެހިގެން މާ ބޮޑު އަސަރުތަކެއް ނުކުރިނަމަވެސް އުމުރުން 74 އަހަރުގެ ރައީސް ޓްރަންޕަކީ އުމުރުގެ ގޮތުންނާއި ޖިންސުގެ ގޮތުން އަދި ބަރުދަނުގެ ސަބަބުންވެސް ކޯވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބޭފުޅެކެވެ. މިހާތަނަށް ރައީސް ޓްރަންޕުގެ ހަށިކޮޅުން ކޯވިޑް-19ގެ މާ ބޮޑު އަލާމާތެއް ފެނިފައެއް ނުވާކަމަށް ރިޔާސީ އިދާރާ، ވައިޓް ހައުސުން ބުނެއެވެ.
އުމުރު ދޮށިވާ ވަރަކަށް އެމީހަކަށް ކޯވިޑް-19ގެ ނުރައްކާ ބޮޑުވާކަމަށް ސައިންސުވެރިންދަނީ ބުނަމުންނެވެ.
ޔުނިވަސިޓީ އޮފް އެކްސެޓާ މެޑިކަލް ސްކޫލުގެ ފަރާތުން ވާހަކަދެއްކެވި ޑރ. ބަރަޓް ޕަންކާނިއާ ވިދާޅުވީ ކޯވިޑް-19ޖެހޭ އުމުރުން ދޮށީ މީހުންގެ ޙާލު ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ހަސްފަތާލުގައި ފަރުވާދޭންޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އުމުރުން ދުވަސްވީ މީހުން ބަލީގައި މަރުވުމުގެ ފުރުޞަތުވެސް ބޮޑުވެއެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ފަސޭހަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޮށްފައިވާ 100އަށްވުރެ ގިނަ ދިރާސާއިން ދައްކާގޮތުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ ނުރައްކާ ވަރަށް ކުޑައެވެ. ނަމަވެސް އުމުރުން 75 އަހަރުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ބަލިޖެހޭ ކޮންމެ 25 މީހުންގެ ތެރެއިން އެކަކު މަރުވެއެވެ. 85 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލިޖެހޭ ކޮންމެ 7 މީހުންގެ ތެރެއިން އެކަކު މަރުވެއެވެ. އަދި 90 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލިޖެހޭ ކޮންމެ 4 މީހެއްގެ ތެރެއިން އެކަކު މަރުވެއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް، ސީޑީސީއިން ކުރި ދިރާސާއަކުންވެސް އެކަންވަނީ ފާހަގަވެފައެވެ. ސީޑީސީއިން ބުނީ އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން 8 މީހުންނަކީ އުމުރުން 65އަށްވުރެ ދޮށީ މީހުންކަމަށެވެ. ރައީސް ޓްރަންޕުގެ އުމުރުފުރައިގެ މީހުންނަށް ހަސްފަތާލުގައި ފަރުވާދޭންޖެހުމުގެ ފުރުޞަތު ފަސް ގުނަ އިތުރުކަމަށްވެސްވަނީ ފާހަގަވެފައެވެ. 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށްވުރެ 70 އަހަރުން މަތީގެ މީހުން ބަލީގައި މަރުވުމުގެ ފުރުޞަތު 90ގުނަ އިތުރުކަމަށްވެސް ސީޑީސީއިންވަނީ ފާހަގަކޮށްފައެވެ. އުރުމުން ދުވަސްވާވަރަކަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވުންފަދަ ބަދަލުތައް އާދެއެވެ.
ހިތުގެ ބަލިތަކާއި ފުއްފާމެއަށް ޖެހޭ ބަލިތަކާއި ހަކުރުބަލިފަދަ ބަލިތަކަކީ އުމުރުން ދޮށީ މީހުންގެ ހަށިގަނޑުގައި ޢާންމުކޮށް ހުންނަ މައްސަލަތަކެއްކަމަށެވެ. އެހެންކަމުން ބަލީގެ ނުރައްކާ ބޮޑުވަނީ ސީދާ އުމުރުން ދޮށިވުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުންކަމެއް ނުވަތަ ޞިއްޙަތަށް ދިމާވެފައިވާ އެހެނިހެން މައްސަލަތަކުގެ ސަބަބުންކަމެއް ޔަޤީންކުރެވިފައެއް ނުވެއެވެ.
ހަށިގަނޑުގެ ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރުވުމަކީވެސް ބަލީގެ ނުރައްކާ ބޮޑުވާ ސަބަބެކެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ދިރާސާކުރުމުން ހަށިގަނޑުގެ ބަރުމިން ހުންނަންވާވަރަށްވުރެ އިތުރުނަމަ އައިސީޔޫގައި ކުއްލި ފަރުވާދޭންޖެހުމާއި މަރުވުމުގެ ނުރައްކާ އިތުރުވާކަމަށްވަނީ ފާހަގަވެފައެވެ. ހަށިގަނޑުގައި ފެޓްސް ހުންނަ މިންވަރުން ލޭގައި ހުންނަ ދިފާޢީ މަސައްކަތްކުރާ ވައިޓް ބްލަޑު ސެލްތަކަށް އަސަރުކުރެއެވެ. ފެޓްސްގިނަ ވާނަމަ ދުޅަވުންފަދަ މައްސަލަތައް ކުރިމަރުވުން އިތުރުވެއެވެ. މާ ބޮޑަށް ދުޅަވާނަމަ ހަށިގަނޑުގައި ހުންނަ އިންފެކްޝަނުގެ ބާރު ގަދަވެ މަރުވުމުގެ ފުރުޞަތު އިތުރުވެއެވެ.
ނަމަވެސް ބަރުދަން އިތުރުވުމަކީ ހިތުގެ ބަލިތަކާއި ހަކުރުބައްޔާވެސް ގުޅުންހުރި ކަމެކެވެ. އެހެންކަމުން ބަލީގެ ނުރައްކާ ބޮޑުވަނީ ބަރުވުމުގެ ސަބަބުންތޯ ނުވަތަ ބަރުވުމުން ދިމާވާ އެހެނިހެން މައްސަލަތަކުގެ ސަބަބުންތޯ ޔަޤީންކުރުމަށް ސައިންސުވެރިންދަނީ މަސައްކަތްކުރަމުންނެވެ.
ކޯވިޑް-19ގެ ފުރަތަމަ ރާޅުގައި ބަލީގެ ސަބަބުން ހަސްފަތާލުގައި ފަރުވާ ދޭންޖެހު އަންހެނުންގެ ޢަދަދަށްވުރެ ފިރިހެނުންގެ ޢަދަދު އިތުރެވެ. ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ 60 އިންސައްތައަކީ ފިރިހެނުންނެވެ.
ޔުނިވަސިޓީ އޮފް ކެމްބުރިޖުގެ ޕްރޮފެސަރެއްކަމަށްވާ ރަވިންދްރާ ގުޕްތާ ވިދާޅުވީ އަންހެނުންނާއި ފިރިހެނުންގެ ދިފާޢީ ނިޒާމުގައި ތަފާތުތަކެއް ހުންނަކަމަށެވެ. ފިރިހެނުންނަށް ބަލީގެ އަސަރުކުރާ މިންވަރު އިތުރުވާ ސަބަބަކީ އެއީކަމަށްވުންވެސް އެކަށީގެންވެއެވެ. ނަމަވެސް ފިރިހެނުންގެ ޞިއްޙަތު އާންމުގޮތެއްގައިވެސް އަންހެނުންގެ ޞިއްޙަތަށްވުރެ ގޯހެވެ.
އުމުރުން ދުވަސްވުމުގެ އުތުރުން ފިރިހެނަކަށްވުމުން ބަލީގެ ނުރައްކާ ބޮޑުވާކަމަށް ފާހަގަވެފައިވާ ނަމަވެސް އޭގެ މާނައަކީ އުމުރުން ދުވަސްވީ އެންމެންގެ ޙާލު ގޯސްވާނެއެކޭ ނޫންކަމަށް ސައިންސުވެރިންވަނީ ބުނެފައެވެ.
ކޯވިޑް-19 ޖެހުމުން ވަކިވަކި މީހުންނަށް ކުރާނީ ސީދާ ކޮން އަސަރެއްކަން ބުނުމަކީ ކުރެވޭނެކަމެއް ނޫނެވެ. ޞިއްޙަތު ރަނގަޅަސް އަދި ޞިއްޙަތު ގޯހަސް، ޒުވާނަކަސް މުސްކުޅިއަކަސް އެކި މީހުންނަށް ބަލީގެ އަސަރުކުރަނީ އެކިގޮތަށެވެ. އުމުރުން ދުވަސްވީ މީހާ ބަލިން ފަސޭހަވާއިރު ޞިއްޙަތު ރަނގަޅު ޒުވާނުން ބަލީގައި މަރުވެދާތަންވެސް އާދެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަކީ މުޅި އާބާދީގެ ޙާލަތަށް ބަލައި ސައިންސުވެރިންނާއި ޑޮކްޓަރުން ފާހަގަކޮށްފައިވާ ކަންކަމެވެ. އެއް އުމުރެއްގެ ދެމީހުންނަށްވެސް ތަފާތު ދެކޮގަތަށް ބަލީގެ އަސަރުކުރުން އެކަށީގެންވެއެވެ. އެމީހުންގެ ހަށިގަނޑުގައި ހުރި އެހެން މައްސަލަތަކަކީ މީހާގެ ޙާލު ރަނގަޅުވުމާއި ގޯސްވުމުގައި ބޮޑު ދައުރެއް ޢަދާކުރާކަންކަމެވެ.
މިހާތަނަށް ބަލީގެ މާ ބޮދު އަސަރެއް ރައީސް ޓްރަންޕުގެ ހަށިކޮޅުން ފެނިފައެއް ނުވެއެވެ. ކިންގްސް ކޮލެޖު ލަންޑަންގެ ޑރ. ނަތާލީ މިކްޑާމޮޓް ވިދާޅުވީ ބަލީގެ ނުރައްކާ ބޮޑުވާފަދަ ބައެއް ސިފަތައް ރައީސްގެ ހަށިކޮޅިގައި ހުރިނަމަވެސް ޙާލަތު ގޯސްވާނެކަމަށް ނުބެލެވޭނެކަމަށެވެ. ހަމަ އެހެންމެ އޭނާއަކީ އެމެރިކާގެ ރައީސްކަމުން ޞިއްޙީ ޙާލަތު ގޯސްވެއްޖެނަމަ އެންމެ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.