ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޑޫ ސިޓީ މަރަދޫ، ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި މާލެ އަތޮޅު ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު، އައްޔަން ކުރައްވައިފިއެވެ.
މި ދެބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާގައެވެ. މި ރަސްމިއްޔާތުގައި، އެ ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.
ޖޭއެސްސީން ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން ސްކްރީންކޮށް، އިންޓަވިއުކުރުމަށްފަހު އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް "ހައިލީ ރިކޮމެންޑް" ކޮށްފައިވާކަމަށެވެ. އަދި އަލްއުސްތާޛު ޙަސަން ޝަފީޢު ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް "ރިކޮމެންޑް" ކޮށްފައިވާކަމަށެވެ.
މި ދެބޭފުޅުންގެ ތެރެއިން އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު އަދާކުރެއްވި އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު މިހާތަނަށް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންވާ ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުންނެވި ބޭފުޅެކެވެ.
އަލްއުސްތާޛު ޙަސަން ޝަފީޢަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ(އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ގޮތުގައި ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވާފައިވާ ޙަސަން ޝަފީޢަކީ ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މިދާއިރާއިން ކިޔަވައިދިނުމާއި ޤާނޫނުތައް ޑްރާފް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ފަރުހީޒާ އާއި ޙަސަން ޝަފީޢު ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމާއެކު 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިހާރުމިވަނީ ހަމަވެފައެވެ. މި ދެބޭފުޅުންގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއާއި، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދެވެ.