ޚަބަރު

ޤާޟީގެ ޢިބްރަތްތެރި ނަޞޭޙަތެއް، އަދީބަށް!


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް އަބްދުލްޣަފޫރުގެ މައްޗަށް ދަޢުލަތުން އުފުލި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށްފަހު މައްސަލަ ބެއްލެވި ގާޟީ ޙަސަން ސަޢީދު ވަނީ ދަޢުލަތުގެ ފައިސާއިން ޚިޔާނާތްތެރިވުމަކީ، މުޅި މުޖުތަމައުގެ ހައްޤު ގެއްލޭ ކަމެއްކަން ފާހަގަކުރައްވައި މުހިއްމު އަދި އިބުރަތްތެރި ނަޞޭހަތްޕުޅެއް އަދީބަށް ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ޞަޢީދު އަދީބަށް ނަސޭހަތްތެރިވެވަޑައިގަންނަވަ ވިދާޅުވީ ބޮޑު ޚިޔާނާތެއްވީއިރު އެކަމުގައި ބައިވެރިވާނެ މީހުން ތިބިނަމަވެސް އެކަމުގެ ކުށް ސާބިތުވެ މިއަދު އެތައް އަހަރަކަށް އަދީބު ޖަލަށްލުމުން އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެކަމަށެވެ. އެމީހެއްގެ އަމިއްލަ ނަފްސު ވިއްލާލި މީހަކަށް ކުރެވޭނެ އިތުރު އެއްވެސްކަމެއް ދެން ނޯންނާނެކަމަށް އަދީބާ މުޚާޠަބުކުރައްވައި ޤާޟީ ވިދާޅުވިއެވެ.

"މިއަދު އަޅާލާނެ އެއްވެސް ފަރާތެއް ނުހުންނާނެ. މިހެން މި ދެންނެވީ ނަފްސާ އަޅާލާނެ އެންމެ ފަރާތެއް ވާނީ. އެހެންވީމަ ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ޤާޟީ ޙަސަން ޞަޢީދު ވިދާޅުވިއެވެ.

އަދީބުގެ ޢިއުތިރާފާއެކު އޭނާއަށް ކުރި ދަޢުވާތައް ސާބިތުވެ އިއްވި ޙުކުމްތަކަށް އިޝާރާތްކުރައްވަމުން ޤާޟީ ވިދާޅުވީ އެފަދަ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކަކީ، ދިވެހި ދަޢުލަތް ލަދުގަންނަ ފަދަ ކަމެއްކަމަށާ، އެއީ އެކަންކުރުމުން މުޅި ދުނިޔެއަށް ފަޟީހަތްވެގެން ދިޔަ ކަމެއްކަމަށެވެ.

ޤާޟީ ވަނީ ކުރެވުނު ކަންކަމާމެދު ވިސްނައި ކުރިއަށް އޮތްތަނުގައިވެސް އެފަދަކަންކަމާއި ދުރުވުމާއި، މިހާހިސާބުންވެސް އަމިއްލަ އިހުމާލު އޮވެގެން ދައުލަތަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުރެވެންހުރި ހުރިހާކަމަކާއި އެއްބާރުލުންތަކެއް ދިނުމަށް އަދީބަށް ހަނދާންކޮށްދެއްވާފައެވެ. އަދި އަދީބު ތައުބާވީކަމަށް ބެލެވޭނީ އޭރުންކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

"ބާކީ އޮތް ދުވަހު އަމިއްލަ ނަފްސު މުރާޖައާކޮށް، އެކަން ވީގޮތް އަމިއްލަ ނަފްސާ ސުވާލުކޮށް، އޭގެ ހަގީގަތް ދިވެހި ދައުލަތާ ޙިއްސާކޮށް، މިފައިސާ އަނބުރާ ދެވުނު ގޮތަކަށް ދޭންޖެހޭ. އެ ނޫނިއްޔާ ތައުބާވި ކަމަކަށް ނުވެވޭނެ" ޤާޟީ ވިދާޅުވިއެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން މަނީ ލޯންޑަރކުރުމުގެ ދަޢުވާތައް ސާބިތުވެ އަދީބަށް ޙުކުމް އިއްވާފައިވާއިރު، ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ބިޑް ކުރުމަކާނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އިތުރު ބަޔަކަށް ނުހައްޤުން ފައިދާތަކެއް އޭނާ ހޯދައިދީފައިވާތީ މިކަންކަމަށް އިންސާފު ހޯދައިދެވޭނީ ޚިޔާނާތްތެރިވި ފައިސާ ދިވެހި ދައުލަތަށް ލިބިގެންކަމަށް ޤާޟީ ޙަސަން ޞަޢީދުވަނީ އަދީބަށް ހަނދާންކޮށްދެއްވާފައެވެ.