ކުޅިވަރު

ސްޕެއިން މޮޅުވެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި


ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން މޮޅުވެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ސްވިޒަލޭންޑާ ވާދަކޮށް ސްޕެއިނުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައި ރެއާލް ސޮސެއިޑާޑްގެ މިކޭލް އޮޔަޒަބާލްއެވެ. މެޗުގައި ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ސްވިޒަލޭންޑުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މި މެޗުގައި ސްޕެއިންގެ އެޑަމާ ޓޮރޯރޭ ވަނީ ސްޕެއިންގެ ޖާޒީގައި ވާދަވެރި ފުރަތަމަ މެޗު ކުޅެފައެވެ. ދާދި ފަހުން ކޯވިޑް-19 ގެ ދެވަނަ ޓެސްޓު ނެގެޓިވްވުމުން ޓީމުގެ ކޭމްޕާ ގުޅުނު ސްވިޒަލޭންޑްގެ ލިވަލޫޕް ތަރި ޒެންޑަން ޝަގީރީވެސް ވަނީ މެޗުގައި ކުޅެފައެވެ. މިއީ 490 ދުވަސް ފަހުން ޝަގީރީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަދައްކަމުން މެޗުގައި ހަމައެކަނި ލަނޑުޖެހި ކުޅުންތެރިންޔާ ސްޕެއިންގެ އޮޔަޒަބާލް ބުނީ މެޗުގައި ކުރިން ހެދި ވީޑިއޯ އެނަލައިޒުން ސްވިޒަލޭންޑުންގެ ކުޅުން އަވަސްވެފަ ސްޕެއިން ކުޅޭ ގޮތުން ބޮޑު ޕްރެޝަރެއް ދެވިދާނެކަމަށް ގަބޫލުކުރެވޭތީ މެޗަށް ނުކުތީ އެކަމަށް ތައްޔާރުވެގެންކަމަށެވެ. އޭނާ ބުނީ މެޗުގައި އިތުރު ލަނޑު ޖަހަން ފުރުސަތު ލިބުނު ކަމަށާއި އެކަން ނުކުރެވި ދިޔައީކަމަށެވެ. އޮޔަޒަބާލް ބުނީ މިދެވެނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ޓީމުގެ ކޯޗާއި ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިފަވާކަމަށެވެ. މިއީ އޮޔަޒަބާލް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 8 މެޗެއެވެ.

ރޭގެ މެޗާއެކު ސްޕެއިނުން ވަނީ ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. މި 15 މެޗުގެ ތެރެއިން 11 މެޗުން މޮޅުވިއިރު ސްޕެއިން އެއްވަރުވެފަ ވަނީ 4 މެޗުންނެވެ. އެންމެފަހުން އަމިއްލަ ރަށުގައި ކުޅުނު 8 މެޗުން ވެސް ސްޕެއިން މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިމޮޅާއެކު ސްޕެއިނަށް ގުރޫޕްގެ އެއްވަނަ ލިބެނީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ރޭ ޔުކްރެއިން އަތުން މޮޅުވި ޖަރުމަނެވެ. ޖަރުމަނަށް ލިބެނީ 5 ޕޮއިންޓެވެ. ސްވިޒަލޭންޑް އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ސްޕެއިން ރަށުން ބޭރުގައި ނުކުންނާނީ ޔޫކްރެއިނާ ދެކޮޅަށެވެ.