ކުޅިވަރު

ބޭނުންވަނީ މޮޅަކާއެކު ގުރޫޕްގެ އެއްވަނައިގަ ނިންމާލަން: އެންރީކޭ


ސްޕެއިންނުން މޮޅެއް ހޯދައިގެން ޔުއެފާ ނޭޝަންސް ލީގުގައި އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައިގައި ނިންމާލަން ބޭނުންވާކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޔޫކްރެއިނާ ދެކޮޅަށް ނުކުތުމުގެ ކުރިން އެންރީކޭ ބުނީ މެޗަށް ތައްޔާރުވަނީ އެހެން މެޗެތަކެކޭ އެއްގޮތައް ކަމަށާއި އެޓީމުން މިމެޗަށް ތަފާތުގޮތަކަށް ތައްޔާރުނުވާނެ ކަމަށެވެ. މެޗުގައި ވާދަވެރިންނަށް ވުރެއް ބޮޑަށް ޑިފެންސްއާއި އެޓޭކުގައި ވަރުގަދަކަން ދައްކަންޖެހޭކަމަށް އެންރީކޭ ބުންޏެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ރަނގަޅު ނަތީޖާއެއް ލިބުނު ނަމަވެސް މި މެޗުގައި ޔޫކްރެއިން ތަފާތުވާނެކަން އެނގޭކަމަށެވެ.

މެޗުގެ ކުރިން ޔޫކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނީ މީގެ ކުރިން ބޮޑެތި ޓީމުތައް ކަމަށްވާ ފްރާންސް އާއި ޖަރުމަނާ ވާދަކޮށް ބަލިވެފަ އޮތުމުން ސްޕެއިން ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އެކަމުގެ ނުރަނގަޅު އަސަރު ނުކުރާނެކަމަށެވެ. އެ ދެ މެޗުގައި ޓީމު ބަލިވިއަސް ޓީމުން ކުރި ހިތްވަރު ފެނުނު ކަމަށާއި މެޗާ ކުރިމަތިލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގައި ތިބި ކޮލިޓީ ކުޅުންތެރިން އަދަދު މަދުވުން ކަމަށް ޗެވްޗެންކޯ ބުންޏެވެ.

މިދިޔަ މަހު މި ދެޓީމު ސްޕެއިންގައި ވާދަކުރި މެޗު 4-0 އިން ކާމިޔާބުކުރީ ސްޕެއިންއެވެ. މިހާތަނަށް ހަތް ފަހަރު މި ދެޓީމު ބައްދަލުކޮށްފައިވާއިރު އަދި ޔުކްރެއިނަކަށް ސްޕެއިނުގެ މައްޗަށް ކުރި ހޯދިފައެއްނުވެއެވެ.