ދުނިޔެ

ދެކުނު އެފުރިކާގެ ޞިއްޙަތާބެހޭ ވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ދެކުނު އެފުރިކާގެ ޞިއްޙަތާބެހޭ ވަޒީރު ޒްވެލީ ޚިޒޭއާއި އޭނާގެ އަނބުކަނބަލުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.
ބަލީގެ އަލާމާތްތަކެއް ފެނުމުން ވަޒީރު ޚިޒޭ ކޯވިޑް-19އަށް ތަހުލީލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގައެވެ. ވަޒީރު ޚިޒޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަޒީރުގެ ދެކަނބަލުން ގޭގައި އެކަހެރިވެވަޑައިގެން ތިއްބެވިކަމަށާއި ބަލިން ފަސޭހަވާނެކަމާމެދު އޮތް ޔަޤީންކަން ވަރަށް ބޮޑުކަމަށެވެ.

ޑޮކްޓަރުކަން ކިޔަވާ ވިދާޅުވެފައިވާ ޚިޒޭއަކީ ދެކުނު އެފުރިކާގައި ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުންދާ އެއް ބޭފުޅެވެ. އޭނާވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

މާސްކު އެޅުމާއި ރަނގަޅަށް ސެނިޓައިޒުކުރުމުގެ އިތުރުން އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް ކޮންމެ މަސައްކަތެއް ކުރިނަމަވެސް ކޯވިޑް-19ގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ފުރުޞަތު އޮތްކަމަށް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އޭނާ ހަނދުމަކޮށްދެއްވިއެވެ.

ދެކުނު އެފުރިކާގައި މިހާތަނަށް 700،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ޖެހި 18،408 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،928 މީހުންނަށްވަނީ ބަލިޖެހިފައެވެ.