ޚަބަރު

އަންނަ އަހަރަށް ހުށައަޅަނީ 35 ބިލިޔަން ރުފިޔާގެ ބަޖެޓެއް


އަންނަ އަހަރަށް ހުށައަޅަނީ 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވީ 2021 ވަނަ އަހަރަށްލަފާކުރާ ބަޖެޓްގެ ގޮތުގައި މިމަހުގެ 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ހުށައަޅާނެކަމަށެވެ. އަދި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް އެމިނިސްޓްރީން ކުރަމުންދާކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ޤާނޫނުގައިވާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނީ އޮކްޓޫބަރު މަހުގެ 31ގެ ކުރިންނެނެވެ.

ކޯވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ އާމްދަނީ ދަށްވެފައިވާތީ މިހިނގާ 2020ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާއިރު، ސަރުވަޝް މިއަދު ވިދާޅުވީ ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށާއަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ކަންކަމާއި ގުޅޭ އިތުރު މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގައި މިއަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރުވަނީ މިއަހަރުގެ ކުރީކޮޅުވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު %5.7 ދައްވާނެކަމަށް ފިނޭންސް މިނިސްޓަ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރަށް ދެއްވަން ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.