ޚަބަރު

ބްރިޖާއި ގްރީން ޒޯނާއި ބައެއް ސަރަޙައްދުތައް ބަންދުކުރަނީ


މިއަދާއި މާދަމާގެ ބައެއް ވަގުތުތަކުގައި ސިނަމާލޭ ބްރިޖާއި މާލޭގެ ބައެއް ސަރަޙައްދުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކުރިއަށްގެންދިޔުމަށްޓަކައި މިއަދާއި މާދަމާގެ މެންދުރުފަހު އެކަކުން ފެށިގެން ފަރިތަކުރުންތައް ނިމެންދެން އެކި ގަޑިތަކުގައި ބައެއް މަގުތަކާއި ސަރަޙައްދުތައް ބަންދުވާނެކަމަށެވެ. އެގޮތުން މިފަރިތަކުރުންތަކާ ގުޅިގެން ބަންދުކުރުމަށް ހަމަޖެހިފައިވަނީ އެއާރޕޯޓަށް ދާ މައިމަގާއި ސިނަމާލޭ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކާއި ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ފުލުހުން ވިދާޅުވެއެވެ.

ސަލާމަތީ ބާރުތަކުން މީގެކުރިންވެސް މާލެ ސަރަޙައްދުގައި އެކި ފަހަރުމަތިން އެކި ޑްރިލްތައް ބާއްވާފައިވެއެވެ. އެހެންނަމަވެސް މިފަދަ ބޮޑު ސަރަޙައްދެގައި މާލޭގެ އެތެރޭގައި ފަރިތަކުރުންތައް ކުރިއަށްގެންދާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.