ތާރީޚީ ގޮތުން ހިނގާފައިވާ އެކި ކަންކަމާއި ދުނިޔެ އާއި މީހުންގެ ދިރިއުޅުމަށް އަންނަމުންދާ އެންމެ ބޮޑު ބަދަލުތައް ދެނެގަތުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްޗަކީ އެޒަމާނެއްގައި އެއްކުރެވިފައިވާ މަންޒަރާއި އަޑެވެ. މިއީ ޤައުމެއްގެ ތާރީޚާއި ސީދާ ގޮތުން ގުޅިފައިވާ ފިކުރީ މުދަލެކެވެ. އެޤައުމުގެ ތަރިކާއިގެ ތެރޭގައި ހިމެނޭ އަގުބޮޑު ރައުސްމާލެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އަޑާއި މަންޒަރުގެ ތަރިކައިގެ ދުވަހެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ އަޑާއި މަންޒަރުގެ ތަރިކައިގެ ދުވަސް ރާއްޖޭގައިވެސް ފާހަގަކުރަމުން އަންނައިރު ރާއްޖޭގައި ހުރި އަޑާއި މަންޒަރުގެ އެންމެ ބޮޑު އަރުޝީފު ހުރީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގައެވެ. 1962 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑު އުފެދުމާއި 1978 ވަނަ އަހަރު ޓީވީގެ ޚިދުމަތް ފެށުނު ހިސާބަކީ ރާއްޖޭގައި އަޑާއި ވީޑިއޯގެ ތަރިކައިގެ ދާއިރާއިން ހޯދި ފުރަތަމަ ކާމިޔާބީއެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްތަކާއި ޕީއެސްއެމްގެ ޓީވީއެމް ޗެނެލްއިން ގެނެސްދީފައިވާ ޕްރޮގްރާމްތައް ޕީއެސްއެމްގައި ވަނީ އަރްޝީފުކުރެވިފައެވެ.
ރާއްޖޭގައި ތާރީޚު ދިރާސާކުރައްވާ އަދި ކުރިން ޤައުމީ އަރުޝީފު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މުޙައްމަދު ޝާތިރު ވިދާޅުވާ ގޮތުގައި އަޑާއި މަންޒަރުގެ ތަރިކައިގެ ގޮތުގައި ބެލެވޭ އޯޑިއޯ އާއި ވީޑިއޯ 1940ވަނަ އަހަރުން ފެށިގެން ރައްކާކުރަން ފަށާފައިވާކަމަށް ބެލެވެއެވެ. އެހެންކަމުން ގާތްގަނޑަކަށް 80 ވަރަކަށް އަހަރުގެ މިފަދަ މުދާ ރައްކާކުރެވިފައި ހުންނާނެކަމަށް ބެލެވެއެވެ.
މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރެއްވި އަދި ޤައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑުގެ ރައިސް މުޙައްމަދު އާސިފް (މޮންދު) ވިދާޅުވާ ގޮތުގައި އަޑާއި މަންޒަރުގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި އަރުޝީފެއް ރާއްޖޭގައި ހުރީ ދައުލަތުގެ މީޑިއާގެ ބެލުމުގެ ދަށުގައިކަމަށް ޤަބޫލުކުރައްވާކަމަށެވެ. މުޙައްމަދު އާސިފް ވިދާޅުވީ، އެއީ ޤައުމީ ތަރިކަ ކަމަށާއި ސިޔާސަތަށާއި ސިޔާސީގޮތުން އަންނަ ދައުރުތައް ބަދަލުވުންތަކުން އަސަރު ނުފޯރާނެގޮތަށް ރައްކާކުރެވޭ ޤައުމީ ތަރިކައަށް ވާންޖެހޭކަމަށެވެ. އަދި އެކަމަށް މަގުފަހިވާނެ ފަދަ ސިޔާސަތުތަކާއި އިންތިޒާމުތައް ވުޖޫދުވުމުގެ މުހިއްމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.
ދުވަހުގެ މުނާސަބަތާއި ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ، ޕީއެސްއެމްގެ ބެލުމުގެ ދަށުގައި ހުރި މިތަރިކަ ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކުންފުނިން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ބައިނަލްއަޤުވާމީ އަޑާއި މަންޒަރުގެ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ދުނިޔެއާއި ޤައުމުތަކުގެ ތާރީޚީ މަޢުލޫމާތު ޙިމާޔަތްކުރުމެވެ. އެއީ ޓެކްނޮލޮޖީއަށް ކުރިއެރުން ލިބި ޤައުމުތަކުން އަޑާއި މަންޒަރު ރައްކާކުރަންފެށުން ވެގެން ދިޔައީ ތާރީޚީގޮތުން މުޅި ދުނިޔެ ޙާސިލުކުރި އިންގިލާބީ ކުރިއެރުމެކެވެ. މިއާއިއެކު ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާއި އިންސާނުންގެ އުޅުމާއި ގުޅުންތަކާއި އިޖުތިމާޢީ ގޮތުންނާއި ދޭދޭ ޤައުމުތަކުގެ ގުޅުންތަކަށް އަންނަމުންދިޔަ ބަދަލުތައް ވަޒަންކުރެވެން ފެށުނެވެ.
ދުނިޔޭގައި ހިނގާފައިވާ ބޮޑެތި އެކި ޙާދިސާތަކާއި ދުނިޔެ ކުރިމަތިލީ އެކި އެކި ބަލިމަޑުކަމާއި ހަނގުރާމަތަކާއި ގުދުރަތީ އެކި ކާރިސާތަކުގެ މަޢުލޫމާތު އަޑާއި މަންޒަރުން އެއްކުރެވުނެވެ. އެކި ރޮނގުރޮނގުން ތަރައްޤީވުމަށް މާޒީގެ ސޮފްޙާތަށް ބެލުމަށް ޤައުމުތަކަށް ލިބިގެންދިޔަ އެންމެ ފަހި މަގަކީ އެޤައުމެއްގައި އެއްކުރެވިފައިހުރި އަޑާއި މަންޒަރުގެ ތަރިކައެވެ.
މިއަހަރުގެ ދުނިޔޭގެ އަޑާއި މަންޒަރުގެ ތަރއިކައިގެ ދުވަސްފާހަގަކުރަމުން އަންނައިރު މިއަހަރަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުވަހުގެ ޝިޢާރަކީ "ޔުއަރ ވިންޑޯ ޓު ދަ ވޯލްޑް." މިޝިއާރެވެ.
މިޝިޢާރު ގުޅުވާލާފައި ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޢާއްމު ދިރިއުޅުމާއި މަސައްކަތުގެ އިތުރުން ތަޢުލީމު އުނގެނުމަށް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރަންޖެހިފައިވުމުން މަންޒަރާއި އަޑުގެ މުހިއްމުކަން ވަޒަންކުރުމަށެވެ.