ދުނިޔެ

ޔަމަންގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފި


ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ގައުމުން ބޭރުގައި ދިގުމުއްދަތެއް ހޭދަ ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ހާދީގެ ސަރުކާރުން ސިފަކޮށްފިއެވެ.ޔަމަންގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވިދާޅުވީ ހާދީ އެނބުރި ގައުމަށް ވަޑައިގަތުމަކީ އިދިކޮޅު ހޫޘީ ޖަމާއަތުގެ މައްޗަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށާ ޔަމަން ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ހަމަޖެހުން ގާއިމްކޮށް ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކަމަށެވެ.ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ގައުމުން ފިއްލަވައިގެން ސައޫދީ އަރަބިޔާއަށް ވަޑައިގެންފައިވަނީ ޔަމަންގެ ސިފައިންގެ އެހީތެރިކަމާއެކު އެގައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިން ވެރިރަށް ސަންއާ ހިފުމާގުޅިގެން މިދިޔަ މާޗް މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު ހާދީގެ އެދިވަޑައިގަތުމަކަށް ސައޫދީ ސިފައިންވަނީ ޔަމަންގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށް އަސްކަރީ ގޮތުން ސީދާ ގޮތެއްގައި ވަދެގެންފައެވެ. އަދި ފާއިތުވި 6 މަސްތެރޭގައި ސައޫދީ ސިފައިން ދިން ވައިގެ ހަމަލާތަކާއި އެއްގަމުގެ ހަމަލާތަކާ ގުޅިގެން ޔަމަންގެ ދެކުނުގެ ރަށެއްކަމަށްވާ އަދަންވަނީ އެމީހުންގެ  ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.މިއާއެކު ޔޫއޭއީ އާއި ގަތަރުގެ އެހީތެރިކަމާއެކު ސައޫދީ ސިފައިން ގެންދަނީ ޔަމަންގެ ވެރިރަށް ސަންއާވެސް ހިފުމަށް ހަނގުރާމަ ކުރަމުން. ނަމަވެސް މިކަން ކާމިޔާބުކުރެވޭނެ ގޮތް އަދި ވެފައެއްނުވެއެވެ.ސައޫދީ އަސްކަރީ މަތިންދާބޯޓެއްގައި ސައޫދީ ސިފައިންގެ ހިމާޔަތުގައި ހާދީ އިއްޔެ ވަޑައިގެންފައިވަނީ އަދަނަށެވެ. އޭގެތަންކޮޅެއްކުރިން ހާދީގެ ސަރުކާރުގެ ބޮޑުވަޒީރު، ޚާލިދު ބަޙާހް އާއި އޭނާގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންވެސް ސައޫދީންގެ ހިމާޔަތުގައި އަދަންއަށް އެނބުރި ވަޑައިގެންފައިވެއެވެ.ޔަމަންގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވިދާޅުވީ ޔަމަންގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމަށް ހޫޘީންނާއެކު ވާހަކަދައްކަން ހާދީގެ ސަރުކާރު ބޭނުންނުވާ ކަމަށެވެ. އަދި  ހޫޘީންނަށްއޮތީ ދެގޮތް ކަމަށާ އެއީ ހަތިޔާރު ބެހެއްޓުމަށްފަހު ވެރިރަށް ސަންއާ އިން ފޭބުމާ އަދި އަމާން ދިނުންކަމަށެވެ. އެހެންނޫނީ ސައޫދީ ސިފައިންގެ އެހީތެރިކަމާއެކު ހޫޘީން ފައްސާލައި ސަންއާ ހިފާނެ ކަމަށްވެސް ޔާސީން ވިދާޅުވިއެވެ.އަނެއްކޮޅުން ހޫޘީންވަނީ ޔަމަނަށް ވެދެގެންއުޅޭ ސައޫދީ ސިފައިންނާއި ގަތަރާއި ޔޫއޭއީގެ ސިފައިންނަކީ ޔަމަނަށް ވެރިވެގަތުމަށް މަސައްކަތްކުރާ އިސްތިޢްމާރީ ބާރުތައް ކަމަށް ސިފަކޮށްފައެވެ. މިކަމަށްޓަކައި އެންމެ ފަހުމީހާއާ ޖެހެންދެންވެސް ގަލްފުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ހޫޘީންވަނީ ވައުދުވެފައެވެ.ދެފަރާތުގެ ވާހަކަތައް މިގޮތަށްހުުރި އިރު ޔަމަނުގެ މަސްރަހުން ހަނގުރާމައާއި ލޭއޮހޮރުން ފިޔަވައި އެހެންއެއްޗެއް އަދި ފެންނާކަށްނެތެވެ. އެއްކޮޅުން ހޫޘީންގެ އަތްދަށުން ސަންއާ ހިފުމަކީ ސައޫދީ ސިފައިން އިސްކޮށްތިބޭ ގަލްފުގެ ލަޝްކަރުތަކަށް ފަސޭހަކަމަކަށް ނުވާއިރު އަނެއްކޮޅުން ހޫޘީން ބަލިކޮށް އެމީހުންގެ އަތުން ހަތިޔާރު ނިގުޅައިގަތުމަކީ ހަނގުރާމައިގެ ތަޖްރިބާ މަދު ގަލްފުގެ ލަޝްކަރަށް ކުރެވޭނެ ކަމެއްކަމަށް ނުބެލެވެއެވެ.ހޫޘީންނާއެކު ގަލްފުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކުގެ ތެރޭގައި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާ ސާލިޙްގެ ކޮންޓްރޯލް އޮންނަ ޔަމަންގެ ސިފައިން ގެ ލަޝްކަރުތައްވެސް ހިމެނެއެވެ. އެހެންކަމުން ދިގުމުއްދަތަކުން ގަލްފުގެ ލަޝްކަރުތަކުގެ ކޮންޓްރޯލް ގެ ދަށަށް ސަންއާ ގެނެވުނުނަމަވެސް ސުލްހަވެރިކަމާއެކު ޔަމަންގެ މައްސަލަ ހައްލުކުރަން މަސައްކަތް ނުކޮށް ހާދީގެ ސަރުކާރު ހިމާޔަތްކޮށްގެން ޔަމަނަށް ހަމަޖެހުން ގެނައުމަކީ ގަލްފުގެ ލަޝްކަރުތަކަށް ކުރެވޭނެ ކަމެއްނޫންކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.