ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ބާސާއިން ގުރޫޕްގެ ކުރިޔަށް



ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިޓަލީގައި ޔުވެންޓަސް ބަލިކޮށް ސްޕެއިންގެ ބާސެލޯނާއިން ގުރޫޕްގެ އެއްވަނައަށް ކުރިޔަށްޖެހިލައިފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.

މެޗުގައި ޔުވެންޓަސް ފަރާތުން މާ އެދެވޭ ކުޅެމެއް ނުފެނުނުނަމަވެސް ބާސެލޯނާއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއްދައްކާފައެވެ. މެޗުގައި ބާސެލޯނާއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަހާފްގެ 14 ވަނަ މިނުޓުގެ ތެރޭގައި އުސްމާނޭ ޑެންބްލޭ ކާމިޔާބުކުރި އިރު ބާސާއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ފެނެލްޓީން ލިއޮނަލް މެސީއެވެ.

މެޗުގައި ބާސެލޯނާގެ ގޯލަށް ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ވަނީ ތިން ގޯލް ޖަހާފައެވެ. އެހެންނަމެވެސް ވީޑިޔޯ އެސިސްޓެންޓް ވަނީ އެ ތިން ލަނޑު ބަލައިނުގެންފައެވެ. މެޗުގެ ދެވަނަހާފްގައި ޔުވެންޓަސްގެ މެރިހް ޑެމިރާލްއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ބާސެލޯނާއިން ގުރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު 11 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މިމޮޅާއެކު ބާސެލޯނާ ގުރޫޕްގައި ކުރީގައި އޮތީ ޔުވެންޓަސްއާއި ޑައިނަމޯކިއޭވް އަށްވުރެ އިތުރަށް ތިންޕޮއިންޓް ހޯދައިގެންނެވެ.