ޓުއަރިޒަމް

އާރތްޗެކް ބްރޮންޒް އެވޯޑް ގިލި ލަންކަންފުށިން ހޯދައިފި


އާރތްޗެކް ބްރޮންޒް އެވޯރޑް ގިލި-ލަންކަންފުށިން ހޯދައިފިއެވެ.އާރތްޗެކްގެ އެވޯރޑްތަކަކީ ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ތިމާވެއްޓާއި ރައްޓެހި، ހިންގުމުގެ ޙަރަދުކުޑަ ނިޒާމަކަށް ބަދަލުކުރުމަށް ހިއްވަރުދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ތަޢާރަފްކޮށްފައިވާ އެވޯރޑެކެވެ. ގިލި-ލަންކަންފުއްޓަށް ލިބިފައިވަނީ ބްރޮންޒް ބެންޗްމާރކް ނުވަތަ ލޮއެ މިންގަނޑަށް އެރިޒޯޓްގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށްފައިވާތީ ދީފައިވާ އެވޯރޑެކެވެ. މިއެވޯރޑް އެރިޒޯޓަށް ލިބިފައިވަނީ އާރތްޗެކްގެ ފަރާތުން އެރިޒޯޓްގެ ފެނާއި ހަކަތައިގެ އިތުރުން އެހެނިހެން ކަންކަން ބަލަހައްޓާގޮތް އޮޑިޓްކުރުމަށްފަހުއެވެ. އާރތްޗެކްގެ އޮޑިޓްގައި ކުންފުނިތަކުގެ ހިންގުމުގައި ތިމާވެއްޓާއި ރައްޓެހި އާދަތައް ކުރިއަރުވާ ދެމެހެއްޓުމުގައި ހަތް ދާއިރާއަކުން މައުލޫމާތު އެއްކޮށް ދިރާސާކުރެއެވެ.އާރތްޗެކުގެ ފަރާތުން، ވޭތުވެދިޔަ އެއް އަހަރު ދުވަހު ގިލި-ލަންކަންފުށީގެ ހިންގުމުގައި ފެނާއި ހަކަތަ ބޭނުންކުރާގޮތާއި ކުނި ނައްތާލުމުގައި އެރިޒޯޓުން ކަންކުރާގޮތުގެ ތަފްސީލްތައް ބަލައި އޮޑިޓްކޮށްފައިވެއެވެ. ގިލި-ލަންކަންފުށިން ހާސިލްކޮށްފައިވާ ބްރޮންޒް ބެންޗްމާކް ނުވަތަ ލޮއެ މިންގަނޑުގެ އެވޯރޑަކީ އާރތްޗެކްގެ ފަރާތުން ކުންފުނިތަކުގެ ކުރިއެރުން ފާހަގަކުރާ އެންމެ ފުރަތަމަ މަރުހަލާއެވެ. އާރތްޗެކްގެ މިމަރުހަލާއަށްފަހު ސިލްވާރ އަދި ގޯލްޑްގެ އިތުރުން ޕްލެޓިނަމް މިންގަނޑުން ކުންފުނިތަކުގެ ހިންގުމަށް އަންނަ ކުރިއެރުމަށް އެވޯރޑްތައް ތަޢާރަފްކޮށްފައިވެއެވެ. މިގޮތުން ގިލި-ލަންކަންފުއްޓަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މިއެވޯރޑް ހާސިލްކުރާ ހަތަރުވަނަ ފަރާތެވެ. އާރތްޗެކްގެ ކުރިއެރުން ބަލާ މިންގަޑުގައި އިތުރު ކުރިއެރުން ހޯދުމަށް ސިލްވާރ އެވޯރޑް ހާސިލްކުރުމަށް ގިލި-ލަންކަންފުށީގެ ހިންގުން އިތުރަށް ހަރުދަނާކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެރިޒޯޓުން ބުނެއެވެ.އާރތްޗެކް އަކީ ދުނިޔޭގެ ފެންވަރުގައި ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިންގުން އޮޑިޓްކޮށް ތިމާވެއްޓަށް ގެއްލުންދޭ ނުވަތަ ނޭދެވޭ އާދަކާދަތައް ތިމާވެއްޓާއި ރައްޓެހި އާދަތަކަށް ބަދަލްކުރުމަށް އެހީވެދޭ ޖަމާއަތެކެވެ. އާރތްޗެކުން ދަނީ ދުނިޔޭގެ 84 ގައުމެއްގެ 1300ށް ވުރެ ގިނަ ކުންފުނިތައް އަހަރުން އަހަރަށް އޮޑިޓްކޮށް އެކުންފުނިތަކުގެ ހިންގުމުގައި ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް ކުރިއެރުވުމަށް އެހީތެރިވަމުންނެވެ. ގިލި-ލަންކަންފުށިން ތިމާވެށީގެ ރޮނގުން އިތުރު ހަރަކާތްތަކެއްވެސް ހިންގަމުންދެއެވެ. މިގޮތުން މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ފްލޯޓިންގ ސޯލާޕެނަލްވެސް ޤާއިމްކުރެވިފައިވަނީ ގިލި-ލަންކަންފުށީގައެވެ. މި ފްލޯޓިންގ ސޯލާޕެނަލް ބޭނުންކޮށްގެން އެރިޒޯޓްގެ ބައެއް ދިއްލުންތަކަށް ކަރަންޓުދޭ ކަމަށް އެރިޒޯޓުން މައުލޫމާތުދެއެވެ.މީގެ އިތުރުން އެރިޒޯޓްގެ ފަރުގެ ދިރުން އަލުން އާލާކުރުމުގެ ބޭނުމުގައި އެރިޒޯޓްގެ މެރިން ބައެލޮޖިސްޓް އަދި އެންވަޔަރަމެންޓަލް އޮފިސަރ، ޑެބޯރާ ބާރންގެ އިސްނެގުމުގެ މަތިން އެރިޒޯޓްގެ ފަރުގައި މުރަކަ އާލާކުރުމުގެ މަސައްކަތްވެސް، ރިޒޯޓްގެ ހީވާގި މުވައްޒަފުންނާއި ގުޅިގެން ކުރަމުންދެއެވެ. މިގޮތުން މިމަސައްކަތުގައި އެރިޒޯޓަށް އަންނަ ފަތުރުވެރިން ޝާމިލްކޮށްގެން މުރަކައިންދުމުގެ މަސައްކަތްކުރާ ކަމަށް ޑެބޯރާ ބުނެއެވެ.ރިޒޯޓްގައި ހިންގޭ މިފަދަ ތިމާވެއްޓާ ރައްޓެހި ހަރަކާތްތަކަށް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއްލިބޭ ކަމަށް އެރިޒޯޓުން ބުނެއެވެ. ރިޒޯޓްގެ ފަރުގައި އިންދާ މުރަކަތައް ހެދޭ މިންވަރުގެ ތަފްސީލްވެސް ޑެބޯރާގެ ބެލުމުގެ ދަށުން ނޯޓުކޮށް ރައްކާކުރެވެމުންދާއިރު ފަތުރުވެރިންނަށް އެމީހުން އިންދާ މުރަކަ ހެދޭ މިންވަރު އެރިޒޯޓުގެ ވެބްސައިޓުން ބަލައިލެވޭނެ އިންތިޒާމުވެސް އެރިޒޯޓުން ފަހިކޮށްދީފައިވެއެވެ.