ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ހއ ކެލާ ފުޓްސަލް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.ހއ ކެލާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިދަނޑު ހުޅުވައިދެއްވީ ނައިބު ރައީސް އަހުމަދު އަދީބު ޢަބްދުލް ޣަފޫރެވެ.މިރަސްމިއްޔާތުގައިވަނީ ދަނޑު ތައްޔާރު ކުރުމަށް އެހީތެރިވެދެއްވި އެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދީފައެވެ.ހއ ކެލާގައި ހުޅުވި މިދަނޑާއެކު 31 ރަށެއްގައި ފުޓްސަލް ދަނޑު ވަނީ ޤާއިމްކޮށްފައެވެ.ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހުސިން ހަމީދު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރު ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، 166 ރަށެއްގައި ބަށި ކޯޓް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 2 މަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.ކެލާގައި ދަނޑު ހުޅުވުމަށްފަހު ޔޫތް މިނިސްޓްރީގެ ޓީމަކާއި ކެލާއިން ހޮވާލެވުނު ޓީމަކާ ދެމެދުވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް ކުޅެފައެވެ.