ކުޅިވަރު

މެޑްރިޑު މޮޅުވިއިރު، ބާސެލޯނާ އަނެއްކާވެސް އެއްވަރު


ސްޕެނިޝް ލަލީގައި ރެއާލް މެޑްރިޑް ކުޅުނު މެޗު ކާމިޔާބުކުރި އިރު ބާސެލޯނާއަށް މޮޅެއް ނުހޯދި އަނެއްކާވެސް އެޓީމްއަށް އިތުރު ހުރަސްތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރެއާލް މެޑްރިޑުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ހުއެސްކާ ވާދަކޮށް 4-1 ލަނޑުންނެވެ.

އަމިއްލަ ރަށުގައި ކުޅުނު މެޗުން މެޑްރިޑުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަނިޔާއިން އެނބުރިއައި އެޑެން ހަޒާޑެވެ. މިއީ އެއްއަހަރު ފަހުން އޭނާ މެޑްރިޑަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. އެންމެފަހުން ހަޒާޑް މެޑްރިޑަށް ލީގުގައި ލަނޑެއް ކާމިޔާބުކޮށްދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ގްރެނަޑާ ދެކޮޅަށް ކުޅުނު މެޗްގައެވެ. ހުއެސްކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލުން ޖެހި ފަހު ތިން ލަނޑުގެ ތެރެއިން ދެލަނޑު ބެންޒީމާ ކާމިޔާބުކޮއްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފެޑްރިކޯ ވަލްވާޑޭއެވެ. ހުއެސްކާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ފެރެއިރޯއެވެ.

ރޭ ލީގުގައި ބާސެލޯނާއިން ރަށުން ބޭރުގައި ޑިޕޯޓިވޯ އަލްވޭސްއާ ވާދަކޮށް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އަލްވޭސްގެ ލުއިސް ރިއޯޖާ ލަނޑެއް ޖަހައި ކުރިހޯދާފަވަނިކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަ ހާފްގައި އެންޓޮނީ ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. ގްރީޒްމަން މިލަނޑު ކާމިޔާބުކުރުމުގެ އިރުކޮޅެއް ކުރިން އަލްވޭސްގެ ޔޮޓާއަށް ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންނަމެވެސް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އަލްވޭސްގެ މައްޗަށް ބާސެލޯނާއަށް ވަނީ ކުރި ހޯދޭގޮތް ނުވެފައެވެ. މިއީ ބާސާއަށް ލީގުގައި މޮޅެއް ނުހޯދި ނިންމާލި ހަތަރުވަނަ މެޗެވެ.

ބާސެލޯނާ އޮތީ ލީގުގެ އެއްވަނައިގައިވާ މެޑްރިޑަށްވުރެ 8 ޕޮއިންޓް ފަހަތުން ލީގްގެ 12 ވަނައިގައެވެ.

ލީގުގައި ރޭ އޮސަސޫނާ އާއި އެތްލެޓިކޯ މެޑްރިޑު ވާދަކުރި މެޗު 3-1 ލަނޑުން ކާމިޔާބު ކުރީ އެތުލެޓިކޯއިންނެވެ. މެޗުގައި އެތުލެޓިކޯގެ ޖާއޯ ފެލިކްސް ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑު ކާމިޔާބުކުރީ ލޫކަސް ޓޮރޭރާއެވެ. މެޗުގެ ދެވަނަހާފްގެ ކުރީ ކޮޅު ޖާއޯ ފެލިސްއަށް ވަނީ އެތުލިޓިކޯށް ލިބުނު ޕެނެލްޓީން ލަނޑުޖަހަން ލިބުނު ފުރުސަތު ނަގާލާފައެވެ. މި ނަތިޖާއެކު މެޑްރިޑް އެއްވަނާގައި އޮތީ 16 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯ ތިންވަނައިގަ އޮތީ 14 ޕޮއިންޓާއެކުގައެވެ.