އެކާވީސްވަނަ ޤަރުނުގެ ދަތިތަކާ ކުރިމަތިލުމަށް އީޖާދީ އާ އުފެއްދުންތަކާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މަގުތަކެއް ހޯދަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ،
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ސްޓޭކް ހޯލްޑަރސްއާ އެއްކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިޤަރުނުގައި ހުރި މައްސަލަތައް އެއްވެސް ފަރާތަކަށް އެކަނި ޙައްލުނުކުރެވޭނެކަމަށެވެ. އެހެންކަމުން މިހާރު ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ އެކި ބާވަތުގެ ދަތިތަކުން އަރައިގަތުމަށް އެންމެންގެ ބައިވެރިވުމާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ދެނެގަންނަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރުން އެކަނި ކަންކަން ކުރުމުގެ ބަދަލުގައި މުޅި ދައުލަތް އެއްކޮށް ޝާމިލުވާ އުސޫލުން މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅެންޖެހޭކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެކި ކަންކަމުގައި ޕާޓްނަރޝިޕް އުސޫލުން ރާއްޖޭގައި ކުރިއަށްގެންދިޔަ ކާމިޔާބު އެކި ތަޖުރިބާތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަރުކާރު ފެންވަރުގައާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކަންކަމާއި ތަޢުލީމީ ދާއިރާއިން ދިރާސީ މާޙައުލެއް އުފެއްދުމަށް ކުރިއަށްގެންދިޔަ އެކި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ގުޅިގެން ކުރިއަށްގެންދާ އެކި މަސައްކަތްތަކުގެ ނަތީޖާގެ ފޮނިކަން މިޤައުމުން ފެންނަކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަކީ ކަމާގުޅުންހުރި ދާއިރާތަކުގެ ބޭފުޅުން އެކުވެގެން މިލަނޑުދަނޑި ޙާސިލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއާއި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކަމާ ގުޅުންހުރި ދާއިރާތަކުން ކުރެވިދާނެކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މިއަމާޒަށް ވާސިލުވުމަށް ހުރި ދަތިތައް ދެނެގަތުމާއި މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގައިވެސް މިމަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ޔޫއެންގެ އެކި އެޖެންސީތަކާއި ރާއްޖޭގައި ޙަރަކާތްތެރިވާ ތިމާވެށި ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާއަށް ނިސްބަތްވާ ޖަމިއްޔާތަކުންވަނީ ބައިވެރިވެފައެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ 2000 ވަނަ އަހަރު އދ.ން ކަނޑައެޅި ލަނޑުދަނޑިތައް 2015 ވަނަ އަހަރާހަމައަށް ހަމަވުމާ ގުޅިގެން ދުޅަހެޔޮ ދިރިއުޅުމެއް ކޮންމެ މީހަކަށްވެސް ހޯދައިދިނުމަށާއި ދުނިޔޭގެ ގުދުރަތީ ނިޒާމު ޙިމާޔަތްކުރުމަށް ބޭނުންވާ ކަންކަން ކަށަވަރުކުރުމަށް 17 ލަނޑުދަނޑިއެއްގެ މައްޗަށް އދ.ން ޤައުމުތަކާ ގުޅިގެން ކަނޑައަޅާފައިވާ މައިގަނޑު ކަންކަމެވެ. މި ކަންކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުން އަންނަނީ 2030 ވަނަ އަހަރުގެ ކުރިންނެވެ.