ދީން

ހަނދުކޭތައާ ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި


ރާއްޖެއަށް މިރޭ ހިފި ހަނދުކޭތައާ ގުޅިގެން މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފިއެވެ.ކޭތައެއް ހިފާތަން ފެނިއްޖެނަމަ ކޭތަ ނަމާދުކުރުމަށް އަވަސްވެގަތުމަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ވަނީ އިރުޝާދުދެއްވާފައެވެ. ފަތިހު ހިފި ހަނދުކޭތައާ ގުޅިގެން މާލޭގައި އިސްލާމީ މަޒުކަޒުގައިވެސްވަނީ ކޭތަ ނަމާދުކޮށްފައެވެ.އިސްލާމީ މަޒުކަޒުގައި ކުރެވުނު ކޭތަ ނަމާދުގެ ޚުޠުބާގައި އިމާމުވަނީ ކޭތަ ހިފުމަކީ ފަލަކީ ނިޒާމްގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެއްކަމުގައި ވީނަމަވެސް އެއީ އާދައިގެ ކަމެއްކަމުގައި ނުދެކުމަށް ނަޞޭހަތްތެރިވެފައެވެ.ހަމައެހެންމެ ކޭތަ ހިފާހިނދު ﷲގެ ހަޟުރަތަށް ބިރުވެތިވެ ކުއްތަންވުމުގެ ގޮތުން ނަމާދުކުރުމަށް އަވަސްގެ ގަތުމަކީ ރަސޫލް ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެއްކަންވެސް އިމާމު ޚުޠުބާގައި ފާހަގަކުރައްވާފައެވެ.ކޭތަ ހިފުމަކީ ދުނިޔެމަތީގައި ހިނގާއެއްވެސްކަމަކާ ގުޅުމެއްހުރި ކަމެއް ނޫންކަމަށާ އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކޯފާއެއްކަމުގައިވެސް ނުބުނެވޭނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޒަމާނުއްސުރެ ކޭތައާ ގުޅިގެން ދެކެވޭ ވާހަކަތަކާ ޢިއުޠިޤާދުތަކަކީވެސް ދީނުގައި އެކަންކަމުގެ އެއްވެސް އަޞްލެއް އޮތްކަމެއްނޫންކަމަށް ޚުޠުބާގައި އިމާމު ވިދާޅުވިއެވެ.އިރާއި ހަނދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރޭގައިވާ ދެ ހެއްކެއްކަމަށާ މިކަންކަމާމެދު ވިސްނާ ފިކުރުކޮށް އެއިން އިބްރަތްލިބިގަންނަންޖެހޭކަން ޚުޠުބާގައި އިމާމު ނަޞޭހަތްތެރިވެވަޑައިގަނެފައިވެއެވެ.