ޚަބަރު

ވަރޗުއަލް ޤައުމީ ޤުރުއާން މުބާރާތުގެ އޯޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފި


ބަލައިގެން ކީރތިޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޯޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާއްމުކޮށްފައިވާ މި މުބާރާތުގެ އުސޫލުގައި ވަނީ މުބާރާތުގެ އޯޑިޝަންގައި ބައިވެރިވެ ރަޖިސްޓަރކުރުމާއި ރެކޯޑިން ހުށައެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ރިކޯޑިންގތައް ބަލައިގަތުމަށް ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުންފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުރަތަމަ ފަހަރަށް ވަރޗުއަލްކޮށް ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދެބުރަކަށް ބަހާލައިގެންނެވެ. ބޮޑު މުބާރާތަކަށްވެފައި މުބާރާތުގެ ކަންކަން ވިލަރެސް ކުރުމަށް 13 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. ޢުމުރުން 4 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު 8 ޢުމުރު ފުރާއަކުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން 7 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 16 އަހަރުން ދަށް 19 އަހަރުން ދަށް 21 އަހަރުން ދަށާއި 21 އަހަރުން މަތީގެ ޢުމުރުފުރާގައި ބައިވެރިންނަށް ވާދަކުރެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައިވަނީ މުބާރާތުގައި ބައިވެރިން ކިޔަވާނީ އެބައިވެރިއަކު ކިޔަވާ ޢުމުރުފުރާއެއްގެ މުޤައްރަރުގެ ތެރެއިން 10 ފޮޅުވަތުގެ މިންވަރެއްކަމަށެވެ. އަދި ރިކޯޑިންގގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަންފަށާ އާޔަތުގެ ނަންބަރާއި ސޫރަތް ބުނަންވާނެކަމަށް އެމިނިސްޓްރީގެ އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

ކުރު ރާގާއި ދިގުރާގަށް ކިޔެވުމުގެ ފުރުސަތު އޮތް އިރު މުބާރާތް ކުރިއަށްދަނީ ދެބުރަކަށް ބަހާލައިގެންނެވެ. އޯޑިޝަން ބުރަކާއި ފައިނަލް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް ބައިވެރިވެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިފަހަރުގެ މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން އަންހެން ފިރިހެންވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެކެޓަގަރީން ކޮންމެ ކެޓަގަރީއަކުން ހުރިހާ ޢުމުރުފުރާއެއް އެއްކޮށް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހުރިހާ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19ގެ މިހާލަތުގައި ގިނަ ދަތިތަކާއެކުވެސް ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް ނިންމީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.