ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބާއްޖަވެރި އަދި ދެ ދުނިޔޭގެ ކާމިޔާބީ ލިބުމުގެ ނަޞީބަކީ އިސްލާމް ދީނުގެ ހިދާޔަތު ލިބިގެންދިޔުންކަން ކަށަވަރެވެ. މީލާދީން 1153 ވަނަ އަހަރާ ހަމައަށް، ދިވެހި ރާއްޖޭގައި ދިރި އުޅެމުންދިޔައީ އިސްލާމީ މަތިވެރި ހިދާޔަތު ލިބިގެންވި ބަޔެއް ނޫންކަން ތާރީޚު ހެކިދެއެވެ. މިރާއްޖޭގައި އިހު ޒަމާނުން ސުރެ ދިރިއުޅެމުން އައި ދިވެހީންނަކީ، މިޒާޖުގައި މަޑުމައިތިރި، ކަންކަމުގައި އެންމެ ޙިކްމަތްތެރިގޮތުގެ ބޭނުން ހިފަން ދަންނަ، އެބައެއްގެ ނަޞްރާއި ނަޞީބުގެ މަގަކީ ކޮބައިކަން ދެނެގަތުމުގެ ހެޔޮވިސްނުން ލިބިގެންވާ ބަޔެއްކަން، ރާއްޖެ އިސްލާމްވުމުގެ ހަނދާންތަކުގައި ބިންވަޅު ނެގިފައިވެއެވެ.
ޚުރާފާތާއި، ވަހުމާއި ޖާހިލުކަމުގެ ދުނިޔެއެއްގައި ދިރިއުޅެމުން އައި އެވޭލާ ޒަމާނުގެ މިރާއްޖޭގެ ރައްޔިތުން، އިސްލާމް ދީން ޤަބޫލުކުރުމަށް ނިންމައި، އިސްލާމީ ހިދާޔަތުގެ މަގަށް މުޅި ޤައުމު މިޞްރާބު ހިފުމުގައި މި ޒަމާނުގެ ކޮންމެ ދިވެއްސަކު ލިބިގަންނަން ޖެހޭ އެތައް ޢިބްރަތެއް ވެއެވެ.
ތީމުގޭ މަހާ ކަލަމިންޖާ އިސްލާމް ދީން ޤަބޫލުކުރައްވައި، އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲގެ ނަންފުޅަށް ބަދަލުކުރައްވައި، މީލާދީން 1166 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރަސްކަމުގައި ހުންނަވައި، އިސްލާމީ ދައުލަތެއް ހިންގަވައި، އިސްލާމީ ހިދާޔަތުގެ އަޑުބޮޑު އަމާނަތް، ރާއްޖޭގެ ރައްޔިތުންނާ ޙަވާލުކުރެއްވިއެވެ.
ދުނިޔޭގެ ޤައުމުތަކަށް އިސްލާމު ދީން ފެތުރިގެންދިޔަ ގޮތާއި، ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރިގެން އައިގޮތާ ދެމެދުގައި ތަފާތުތަކެއް ވެއެވެ. އޭގެތެރެއިންވެސް އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގައި އިސްލާމް ދީން ފެތުރިގެން ދިޔުން ފެށިގެން ދިޔައީ، ރަސްކަމުގެ ކޮއިލުގެ ތެރެއިން ކަމުގައިވުމެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ވެރިކަމުގެ ނިޒާމާމެދު ބަހައްޓާ ޤަދަރާއި ދޭ އިޙްތިރާމުގެ ނަތީޖާ ވަރަށް ސާފުކޮށް، ރާއްޖެ އިސްލާމްވުމުގެ ޙާދިޘާއިން ފެނިގެންދެއެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުން އިސްލާމްވުމާއެކު، އިސްލާމީ އެއްބައެއްވަންތަ މުސްލިމު މުޖްތަމަޢެއްގެ ގޮތުގައި ދެމިއޮތީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ނަތީޖާއިންނެވެ. ދިވެހިންނަށް ޤައުމިއްޔަތެއްގެ ޚާއްޞަ ސިފައެއް ލިބިގެން ދިޔައީ އިސްލާމް ދީނުގެ ސަބަބުންނެވެ. ސުލްޙަވެރި އަމާން މުޖްތަމަޢުއަކަށް ފަތިސްވެ، އުފާވެރި ޙަޔާތަކަށް މަގުފަހިވެގެންދިޔައީ، އިސްލާމީ ނޫރުން ދިވެހި އުދަރެސް ދިއްލިގެން ދިޔުމުންނެވެ. އިސްލާމީ ހިދާޔަތުގެ ނޫރުން ދިވެހިންގެ ހިތްތައް އަލިވެ އުޖާލާވީ ހިސާބުން މިއަދާ ހަމައަށްވެސް މިނިވަން ދައުލަތެއްގެ ގޮތުގައި އަދި މިނިވަންކަމުގެ ހިޔަލުގައި ނޭވާލަމުންދާ ރައްޔިތެއްގެ ގޮތުގައި، އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލު ސަބަބާއި ސިއްރު ގުޅިފައިވަނީ އިސްލާމް ދީނާއެވެ.
އިސްލާމް ދީނަކީ، އިންސާނުންގެ ކަސްތޮޅުތަކުން އިންސާނުން މިނިވަންކޮށް ސަލާމަތްކުރުމަށްޓަކައި ފާޅުވި ދީނެކެވެ. ދެ ދުނިޔޭގެ ކާމިޔާބީއަށް މަގު ދައްކައިދޭ ދީނެވެ. މި ދީނުގެ މަތިވެރި ހިދާޔަތުގައި ދިވެހިން ސާބިތުވެ ތިބުމަށް އިސްލާމް ދީން ޤަބޫލުކުރި ދުވަހުން ފެށިގެން މި ދީނުގައި ސާބިތުވެ ތިބުމުގެ ނަތީޖާވެސް އެހާމެ ރަނގަޅެވެ.
މީހުންއުޅޭ ކޮންމެ ރަށެއްގައި މާތްﷲއަށްޓަކައި އަޅުކަންއަދާކުރުމުގެ ގޮތުން ޖަމާޢަތުގައި ފަރުޟު ފަސް ނަމާދު ކުރެވޭނެ މަގުވަނީ ފަހިވެފައެވެ. މިސްކިތްތައް ބިނާކުރުމާއި އެތަންތަން ބެލެހެއްޓުމުގެ ޒިންމާއަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމުގައިވަނީ ހަމަޖެހިފައެވެ. ރެއާއި ދުވާލު ފަސްފަހަރު ރާއްޖޭގެ ޖައްވުގައި ބަންގީގެ އަޑު އިވެމުން ދިއުމާއި، މާތްﷲއަށްޓަކައި އަޅުކަން އަދާކުރާ އެއްބަޔެއްވަންތަ ރައްޔިތެއްގެ ގޮތުގައި ތިބެ، ރެއާއި ދުވާލު،ﷲއަށްޓަކައި ސަޖިދަ ޖެހެވެމުންދާ ބިމެއްގެ ގޮތުގައި މި ދިވެހި ބިން އޮތްހާ ހިނދަކު، ﷲގެ ނަޞްރާއި ރަޙުމަތާއި ނިޢުމަތް ލިބޭނެކަން ޔަޤީނެވެ.
ރާއްޖޭގެ ރައްޔިތުން އިސްލާމުވީ ހިސާބުން ފެށިގެން، ތާރީޚުގެ އެކި އެކި މަރުޙަލާތަކުގައި އެތަކެއް ޙަމަލާތަކެއް ރާއްޖެއަށް ކުރިމަތިވިއެވެ. ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި ސިއްރާއި ފާޅުގައި އައި ޙަމަލާތަކެވެ. މީގެތެރެއިން ފާޅުގައި އެންމެ ނުރައްކާތެރި ޙަމަލާއެއް ކުރިމަތިވެގެން ދިޔައީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮންނަންޖެހުނު ފަނަރަ އަހަރުގެ ތެރޭގައެވެ. ކްރިސްޓިއަން ދީން ޤަބޫލުކުރުން ނޫނީ، މަރާ ކުރިމަތިލުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ޙާލަތުގައިވެސް ދިވެހިން ނިންމީ އިސްލާމް ދީނުން ބޭރުވާން ޖެހިއްޖެނަމަ، ފުރާނަ ދިޔައަސް ވަރިހަމަ ކަމުގައެވެ. މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އަރިހުގައިވި ހިތްވަރު ގަދަ މަދު ފަހުލަވާނުންގެ މިއްނެތް މަސައްކަތުން އިސްލާމް ދީން ހިމާޔަތް ކުރެވިގެންދިޔައީ މީލާދީން 1573ގައެވެ.
މީލާދީން 17 ވަނަ ޤަރްނާއި 18 ވަނަ ޤަރްނުގެ ތެރޭގައިވެސް ރާއްޖެއަށް އެކިއެކި ޙަމަލާތައް ދެވުނެވެ. މިއިން ކޮންމެ ޙަމަލާއަކާވެސް ރާއްޖޭގެ ރައްޔިތުން ކުރިމަތިލީ، އިސްލާމީ ރޫޙުގައެވެ. މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމަށްޓަކައެވެ. މަލާބާރުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށްޓަކައި، މުލީގެ އައްސުލްޠާނު ޙަސަން ޢިއްޒަތްދީނުގެ ފަނޑުވުމެއްނެތް މަތިވެރި ޤުރުބާނީގެ ފަހަތުގައިވެސް ވަނީ އިސްލާމީ މަތިވެރި ޖަޒްބާތާއާއި ދިވެހި ޤައުމިއްޔަތުގެ ތެދުވެރި ލޯތްބެވެ.
ރާއްޖެ އިސްލާމްވުމުގެ މުނާސަބާގެ ހަނދާންތައް އައުކުރަމުންދާއިރު، މިއަދުގެ ކޮންމެ ދިވެހި ދަރިއަކު ވިސްނައިލަންވީ ކަންކަމަކީ މިއީއެވެ. އަހަރެމެންނާ ހަމައަށް އިސްލާމީ ހިދާޔަތު ގެނެސް ދެއްވުމުގައި ޤުރްބާންވެވަޑައިގެންނެވި ދިވެހި އަބްޠާލުން، އަދުގެ ދިވެހި ޖީލާ ޙަވާލު ކުރެއްވި މަތިވެރި އަމާނަތާމެދުގައެވެ. އެއްދީނަކަށް އުޅޭ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ޘަޤާފަތަކާއި އެއް ތާރީޚެއް ޙިއްސާކުރާ ސައްތަވަންތަ މުސްލިމު ދިވެހިންގެ ރާއްޖެއެއްގެ ގޮތުގައި ދަމަހައްޓައި އަހަރެމެންގެ ފަހަށް އަންނަ ދިވެހީންނާ މި އަމާނާތް ޙަވާލު ކުރުމުގެ މަތިވެރި ޢަޒްމާމެދުގައެވެ.
އަހަރެމެންގެ ދަރީން ތަޢުލީމު ލިބެމުންދަނީ ކޮންމެ ޤައުމެއްގައިކަމުގައިވިޔަސް، އިސްލާމީ ތަރުބިޔަތުން އެ ދަރީން މަޙްރޫމު ނުވާނޭ މަގުން ކަންކަން ތަރުތީބުކުރުމަކީ ދިވެހި ކޮންމެ މަންމައަކާއި ބައްޕައެއްގެ ޒިންމާއެކޭ، ބުނާ އަޑު ދިވެހި ޖައްވުން އިވެމުން އެބަދެއެވެ. މި ނިދާއަށް އިޖާބަ ދިނުމުގެ ނަތީޖާއިން ވިހިވަނަ ޤަރްނާ ހަމައަށްވެސް ރާއްޖޭގައި ލިޔެވިފައި އޮތް ދުސްތޫރެއް ނެތް ނަމަވެސް، ރާއްޖޭގެ ރައްޔިތުން ޢަމަލުކުރަމުންދިޔައީ އިސްލާމީ އުޞޫލުތަކާއި އާދަކާދަތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ. އެއީ އިސްލާމީ ހިދާޔަތުގައި ދެމިތިބުމަށް ބޭނުންވާތީއެވެ. އަދި މިއަދުވެސް ދިވެހީން ތިބީ މި ޢަޒްމުގައެވެ.
ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއަކީ، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރއެވެ. އޭގެ ކުރިން ހުންނެވީ، އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސެންޓަރގެ ޑީންގެ މަޤާމުގައެވެ. ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އިސްލާމީ ފިޤްހުއާއި އުޞޫލުލް ފިޤްހުން ޑޮކްޓަރރޭޓް ޑިގްރީ ހާޞިލުކުރެއްވީ މެލޭޝިއާގެ އިންޓަރނޭޝިނަލް އިސްލާމީކް ޔުނިވަރސިޓީންނެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސްލާމީ ޝަރީޢަތާއި ޤާނޫނު ކިޔަވައިދެއްވާ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުންނާއި ސްކޫލާއި ކޮލެޖު ހިންގެވުމުގެ އިސް މަޤާމުތައް އަދާކުރެއްވުމުގެ ޚިދުމަތްކުރައްވާތާ 30 އަހަރު ވެއްޖެއެވެ.