ވިޔަފާރި

އިންވެސްޓް ފޯރަމާއި އެކު ރާއްޖެއަށް ގިނަ އިންވެސްޓްމަންޓް ތަކެއް


މިދިޔަ އަހަރުގެ
އިންވެސްޓްމަންޓް ފޯރަމްއާއި ގުޅިގެން ރާއްޖެއަށް ވަރަށް ގިނަ ފޮރިން
އިންވެސްޓްމަންޓްތައް އައިސްފައިވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް
ވިސާމް ވިދާޅުވެއްޖެއެވެ.



އަންނަ މަހުގެ
ނަވާރަވަނަ ދުވަހު ޗައިނާގެ ބެއިޖިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ
އިންވެސްޓްމަންޓް ފޯރަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާ އާއި
ޙިއްސާކުރުމަށް މިއަދު ވެލާނާ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ
ބައްދަލްވުމުގައި ވިސާމް ވިދާޅުވީ މިދިޔަ އަހަރުގެ ފޯރަމުން ފެށިގެން މިހާތަނަށް
ކުރިއަށް އޮތް 5 އަހަރު ދުވަސް ތެރޭ ރާއްޖޭގައި އިންވެސްޓްކުރާނެ ކަމަށް
ވިދާޅުވެފައިވާ އިންވެސްޓަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އެގޮތުން
މިއަހަރުގެ މިހާތަނަށް، ކުރިއަށް އޮތް 5 އަހަރަށް ބަހާލާއިގެން އިންވެސްޓްކުރާގޮތަށް،
1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އައިސްފައިވާ ކަމަށް ވިސާމް
ވިދާޅުވިއެވެ.



މިއަހަރުގެ
އިންވެސްމަންޓް ފޯރަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ވިސާމް ވިދާޅުވީ
އޮކްޓޯބަރު 5 ވަނަ ދުވަހާއި ހަމައަށް ފޯރަމްގައި ބައިވެރިވުމަށް
ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުމާލެވިފައިވާ ކަމަށާއި މިހާތަނަށް ފޯރަމްގެ
%90 ފުރިފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީވެފައިވާ
ފަރާތްތަކަށް ކޮންފަމޭޝަން ދޭނީ ރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަށް ފަހުގައި ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިއަހަރުގެ ފޯރަމްގައި ބައިވެރިވުމަށް އެދި
ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި ސިންގަޕޫރު، އޮސްޓްރޭލިއާ،
އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭ
ކަމަށާއި ބޮޑަށް އިރުމަތީ އޭޝިއާގެ ޤައުމްތަކުން މި އަހަރުގެ ފޯރަމްގައި
ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.



އަދި މިހާރު
ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށްެވެސް މަދުވެގެން އެއް ސީޓް ލިބޭނެ ކަމަށްވެސް
ވިސާމް ވިދާޅުވިއެވެ.



މިއަަހަރުގެ 
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައި މާލީ ދާއިރާއާއި ގުޅޭ ތަފާތު މުއައްސަސާތައް
ރާއްޖޭގައި ތަރައްޤީކުރުމާއި ގުޅޭ މަޝްރޫއުތައް ކަމަށްވާ، ކެޕިޓަލް މާރކެޓް އަދި
ކޮމާޝަލް ބޭންކުތައް ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމާއި ގުޅޭ މަޝްރޫއުތައް ހިމެނެއެވެ.
އަދި މި އަހަރު އިސްކަން ދޭ ދާއިރާތަކުގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީގެ
އިސްނެންގެވުމުގެ މަތިން އިއާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫތަކެއްވެސް
އިންވެސްޓްމަންޓް ފޯރަމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ޒުވާނުންނަށް
ޙާއްސަކުރެވިގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ކަމަށްވާ، ޔޫތު ސިޓީ
އަދި ސްޕޯޓްސް ކޮންޕްލެކްސް ފަދަ މަޝްރޫއުތައްވެސް މިއަހަރުގެ އިންވެސްޓްމަންޓް
ފޯރަމްގައި ދައްކާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.