އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް 774 މިލިއަން ރުފިޔާ ބަޖެޓުކޮށްފިއެވެ. މާލެ ސަރަޙައްދަށް ފަހު އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ އައްޑޫ ސިޓީގައި ހިންގާ އެކި މަޝްރޫޢުތައް ހިންގުމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ސަބަބުން އަންނަ އަހަރު ވެގެންދާނީ އިގްތިޞާދު ކޮޅަށް ޖެހުމަށް މުހިއްމު ދައުރެއް އަދާކުރާނެ އަހަރަކަށެވެ. މިއާއިއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމުދަނީ އިތުރުކުރުމަށް ހިންގާނެ މަޝްރޫޢޫތަކަށް އިސްކަންދީފައިވާއިރު މުޅި ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢޫތަކަށްވެސް ބޮޑު އިސްކަމެއް ބަޖެޓުގައި ވަނީ ދީފައެވެ. އެގޮތުން މިފަދަ އެކި މަޝްރޫޢޫތައް ހިންގުމަށް އަތޮޅުތެރެއިން އެންމެ ބޮޑު ބަޖެޓެއް ދިނުމަށް ނިންމާފައިވަނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢޫތަކަށް ޖުމްލަ 774 މިލިއަން ރުފިޔާ ދިނުމަށް ވަނީ ބަޖެޓުކޮށްފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ދާއިރާއަކީ ފަތުރުވެރިކަން ކަމުގައިވާއިރު އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްވެސް މިފަހަރުގެ ބަޖެޓުގައި ވަނީ ފައިސާ ހިމަނާފައެވެ. އެގޮތުން އައްޑޫގެ 5 ސަރަޙައްދެއްގައި ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ. މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުންކަމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސްކުރަމުން އަންނަ ބަޖެޓުގައިވަނީ ބަޔާންކޮށްފައެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަޕްގްރޭޑު ކުރުމަށް ނިންމާފައިވާ 2 އެއަރޕޯޓުގެތެރެއިން އެއް އެއަރޕޯޓަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މީގެ ސަބަބުން އައްޑޫއަށް އަންނަ ފްލައިޓުތައް އިތުރުވާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިދެމަޝްރޫއާއިއެކު އައްޑޫގައި ފަތުރުވެރިކަން ފުޅާވެ ސަރަޙައްދުގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގައި މިއީ މުހިއްމު މަޝްރޫޢުތަކަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއްކުރާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. ސިއްޙީ ދާއިރާއިން އައްޑޫގައިވެސް ބޮޑު މަޝްރޫއެއް ހިންގުމަށްވަނީ ބަޖެޓުގައި ހިމަނާފައެވެ. އެގޮތުން ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރަން ސަރުކާރުން އަމާޒު ހިފާފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކެތްލެބް ޤާއިމުކުރުމަށްވަނީ ހިމަނާފައެވެ. އަދި އެހޮސްޕިޓަލުގައި ހައިޕަބެރިކް ޗެމްބަރ ޤާއިމުކުރުމަށާއި ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ތަރައްޤީކުރުމަށްވަނީ ބަޖެޓުގައި 23.3 މިލިއަން ރުފިޔާ ހިމަނާފައެވެ.
އައްޑޫ ޑިވެލޮޕްމަންޓު މަޝްރޫޢޫގެ ތެރެއިން އައްޑޫގައި ބިން ހިއްކުމަށް 268.3 މިލިއަން ރުފިޔާވަނީ ބަޖެޓުކޮށްފައެވެ. މި މަޝްރޫޢޫވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މީގެ އިތުރުން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސްވަނީ ހިމަނާފައެވެ. އައްޑޫއާއި މާލޭގެ އިތުރުން ބައެއް ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބަޖެޓުގައިވަނީ 409.1 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ. އައްޑޫ ސިޓީ މަރަދޫފޭދޫގައި ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައި ވާތާ އެތައް ޒަމާނެއް ވެފައިވަނިކޮށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އެރަށުގެ ބަނދަރު ހެދުމަށްވެސް ހިމަނާފައެވެ. އަދި މަރަދޫ ބަނދަރު ބޭރުތޮށީގެ ރީކޮންސްޓްރަކްޝަން މަޝްރޫޢަށްވަނީ 22.3 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.
ސަރުކާރުން މިއަހަރު ފެށި ގޭދޮށު މަސްޕްލާންޓް މަޝްރޫޢުގެ ދަށުން އިތުރު މަޝްރޫޢުތައް ހިންގުމަށްވެސް އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން އައްޑޫ ސިޓީ 4 ރަށެއްގެ ގޭދޮށު މަސް ޕްލާންޓު ބެހެއްޓުމަށް ކޮންޓްރެކްޓަރާއި ވަނީ ޙަވާލުކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް އަށްހާސް ތިންސަތޭކަ ހަ މިލިއަނަށްވުރެ ބޮޑު ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހަމަޖެއްސި ބަޖެޓަށްވުރެ 49.3 އިންސައްތަ އިތުރު ޢަދަދެކެވެ.