ކުދިން ސްކްރީން ކުރިމަތީ ހޭދަކުރާ ވަގުތު މަދުކޮށް ވީހާވެސް ބޮޑަށް ޙަރަކާތްތެރިކުރުވުމަށް ބެލެނިވެރިންނަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީޤު އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ވިދާޅުވީ ކޯވިޑް-19އާއި އެކު ކުދިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. އެގޮތުން ސްކޫލަށް ނުދެވުމާއި ބޭރަށް ގޮސް އެއްފުރާގެ ކުދިންނާއި ބައްދަލުވުން ހުއްޓިފައި ވާކަމަށެވެ. އެއާއެކު ކުރިއާ ޚިލާފަށް ސްކްރީން ކުރިމަތީ ހޭދަކުރާ ވަގުތު އިތުރުވެފައިވާކަމަށާއި ޙަރަކާތްތެރިވެ ކަސްރަތު ކުރުން ފަދަ ކަންކަމާއި ދުރުހެލިވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއެކު ކުދިންގެ ޖިސްމާނީ ހެދިބޮޑުވުމަށްވެސް ނޭދެވޭ އަސަރުކުރާކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ސްކްރީން ކުރިމަތީ ކުދިން ހޭދަކުރާ ވަގުތު އިތުރުވެފައިވާކަން ފާހަގަކުރައްވައި އެކަން ވަކި ހަމައެއްގައި ހިފެހެއްޓުމަށް ޑރ.ނަޒްލާ ވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ކުދިންގެ ދުވަސް ވަކި ގޮތަކަށް ތަރުތީބުކޮށްގެން ކުރިއަށްގެންދިޔުމަކީ ކުދިންނަށް މިޙާލަތުން އަރައިގަތުމަށް އެހީވެދޭނެކަމެއް ކަން ޑރ.ނަޒްލާވަނީ ފާހަގަކުރައްވާފައެވެ.
ތުއްތު ކުދިންގެ އިތުރުން ފުރާވަރުގެ ކުދިންނަށްވެސް މިޙާލަތަކީ ގޮންޖެހުން ބޮޑު ދުވަސްވަރެއްކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އެގޮތުން ބައްޔާ ގުޅޭ މަޢުލޫމާތު މާގިނައިން ކުދިންނަށް އަޑުއިވުމުން ބިރުގަތުން ފަދަކަންކަން މެދުވެރިވެދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މިހާލަތުގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލޫމާތު ކުޑަކުދިންނަށް އެނގޭކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ހުކުރު ދުވަހަކީ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސްކަމުން ދުވަހުގެ ތަހުނިޔާ ޑރ.ނަޒްލާ ވަނީ ހުރިހާ ކުދިންނަށް އަރިސްކޮށްފައެވެ. އަދި ކުދިން ކުރަމުންދާ ހިތްވަރުވެސް ޑޮކްޓަރ ނަޒްލާ ވަނީ ފާހަގަކުރައްވައި ކުޑަކުދިންނަށް ހިތްވަރު ދެއްވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ޢިއުލާންކުރި ފުރަބަންދުގެ ތެރޭގައި ދެމަސްވަންދެން ކުދިން ބޭރަށް ނުގޮސްތިބުމަށްފަހު ބޭރަށް ނިކުތުމުގެ ހުއްދަ ލިބިގެންދިޔައީ ވަކި ގަޑިތަކެއްގައި އެޗްޕީއޭގެ ހުއްދައާއި އެކުގައެވެ. މަގުމަތީގައި މިހާރުވެސް މީހުން ގިނަކަން ފާހަގަވީނަމަވެސް މަގުމަތިން ކުޑަކުދިން ޢާއްމުކޮށް ނުފެންނަކަން ފާހަގަކުރެވެއެވެ.