ޚަބަރު

މައިޝާގެ ފުރަތަމަ ސޯލޯ ލަވަ ޚާއްސަކުރީ ހެޕަޓައިޓްސްއަށް


ހެޕަޓައިޓިސްއާއި ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ލަވައެއް ނެރެފިއެވެ. "ނޭނގި ހުއްޓާ" މިލަވައަކީ ހެޕަޓައިޓިސްއަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ އެމްބެސެޑަރ މަރިޔަމް މައިޝާ ނެރެފައިވާ ލަވައެކެވެ.


މިލަވަ ނެރުމަށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދު މާތުރްވަނީ ބައިވެރިވެވަޑައިގެންފައެވެ. "ނޭނގި ހުއްޓާ" މިލަވައާއި ގުޅޭގޮތުން މައިޝާ ބުނީ މި ލަވައިގައި، މިބަލި ކޮންމެ މީހަކަށްވެސް ޖެހިދާނެކަމާއި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެކުގައި އުޅޭމީހުންގެ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިއްމުކަން ގެނެސްދީފައިވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އެއްކޮށް ނައްތާލުމަށްކަމަށެވެ. އަދި ހެޕަޓައިޓްސްއަކީ ރާއްޖޭގައި ޢާއްމު ބައްޔަކަށް ނުވިނަމަވެސް އަމާޒަކީ މިބަލި ރާއްޖޭގައި ފެތުރުން އެއްކޮށް ހުއްޓުވާ ބަލި ނެތްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިކަން ކުރުމަށް އެންމެ މުހިންމީ ހޭލުންތެރިކަން އިތުރުކުރުންކަމަށް މައިމޫނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ރާއްޖެއިން ސަރަޙައްދީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން ހެޕަޓައިޓްސް ނައްތާލަން ރާއްޖެއިން 1993 ވަނަ އަހަރު ޤައުމީ ވެކްސިން ތާވަލުގައި ވެކްސިން ހިމަނާ އެވެކްސިން ދެމުން އަންނަކަން ޑރ.އަރްވިންދު މާތުރްވަނީ ފާހަގަކުރައްވާފައެވެ. އަދި ހެޕަޓައިޓްސްގެ ފަރުވާ ރާއްޖޭގައި ލިބެން ހުރިއިރު ފަރުވާ އެންމެންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރަން މަސައްކަތްކުރަންޖެހޭކަން ޑރ،އަރްވިންދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޑްރަގްސްގެ ވަބާގައި ޖެހިފައިތިބޭ މީހުންނާއި ޖަލުތަކުގައި ތިބޭ މީހުންނަށްވެސް ފަރުވާ ކަށަވަރުވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އޮތް ކޯވިޑް-19ގެ ޙާލަތުގައި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގައި އަހަރަކު 1.3 މިލިއަން މީހުން ހެޕިޓައިޓިސް ބަލީގައި މަރުވެއެވެ. ރާއްޖޭގައި އެންމެ ޢާއްމު 2 ބާވަތުގެ ހެޕަޓައިޓްސްއަކީ ހެޕަޓައިޓްސް ބީއާއި ސީއެވެ. ހެޕަޓައިޓްސް-ބީ އަކީ މުޅިން ފަސޭހަވާ ބައްޔެއް ނޫންނަމަވެސް ހެޕަޓައިޓްސް ސީ ފަރުވާއާއެކު ކޮންމެވެސް ވަރަކަށް ރަނގަޅުކުރެވޭކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ރާއްޖޭގައި ޢާއްމުކޮށް ބަލި ދެނެގަނެވެނީ ލޭގެ ޓެސްޓުތަކާއި މާބަނޑުވުމާއި ގުޅިގެން ހަދާ ޓެސްޓުތަކާއި ސަރޖަރީތައް ހެދުމުގެ ކުރިން ހަދާ ޓެސްޓުތަކުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މިއަށްވުރެ ބޮޑަށް ޓެސްޓުކުރުން ފުޅާކުރެވިއްޖެނަމަ ބަލި ދުރާލާ ދެނެގަނެވި ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް ޑޮކްޓަރުން ފާހަގަކުރައްވައެވެ.