ޚަބަރު

ވޭތުވެދިޔަ 2 އަހަރުތެރޭ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 3 ގުނަ ވަނީ އިތުރުވެފައި: އެންވަޔަރަމަންޓް


ވޭތުވެދިޔަ ދެ އަހަރުގެތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ކުރިއަށްގެންދާ އެނަރޖީ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެދަށުން ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އަމާޒު ހިފާފައި ވަނީ ހަކަތަ އުފެއްދުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 2 އަހަރުގެތެރޭގައި އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުކޮށްފައިވާކަމަށެވެ.

މިނިސްޓަރ ހުސެއިން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްވެސް އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. ސަބަބަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވުމުގެ ސަބަބުން މަންފާކުރަނީ ހަމައެކަނި ތިމާވެށީގެ ދާއިރާއިން ނޫންކަމަށާއި އޭގެ އިތުރަށް ކަރަންޓަށް ރައްޔިތުންކުރާ ހޭދަކުޑަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އެތެރެކުރާ ބާވަތްތަކުންވަނީ ޓެކްސް މާފުކޮށްފައެވެ.

ހަކަތަ އުފެއްދުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް ކުންފުނިން ފަރާތުން ސޮއިކުރީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ ޗުމްޕުލް ޕަޓަނުކުމެވެ. މި ރަސްމިއްޔާތުގައި އެންސިން ކުންފުނިން ވަނީ ސްޓެލްކޯ އާއި އެކު ހަކަތަގަތުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ އާއި ހުޅުމާލޭގައި އިރުގެ އަލިން 5 މެގަވޮޓްގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރަން ޙަވާލުކޮށްފައި ވަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑާއެވެ.

މިޕްރޮޖެކްޓްގެ ދަށުން އެންސިސްއިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށެވެ. މީގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި ހަކަތަ އުފެއްދުމަށްކުރާ ޚަރަދު ކުޑަކޮށް ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ ދަށުން ހުޅުލެ-ހުޅުމާލޭގެގައި މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢަކީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ޢަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެވެ. މި މަޝްރޫއުގެ ސަބަބުން ދައުލަތުން ހަކަތަ އުފެއްދުމަށްކުރާ ޚަރަދުން ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަހަރަކު ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންދާޒާ ކުރައްވައެވެ.