އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަޔަކާ ޙަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މިމަސައްކަތް ޙަވާލުކޮށްފައި ވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ކުރުމަށް ރެއިންބޯ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ. 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުއަށް އިންޑިއާ ސަރުކާރުގެ އެހީގެ ތެރެއިން 7.9 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ދިވެހި ސަރުކާރުގެ ބަޖެޓުގައި މިމަޝްރޫޢު ހިންގުމަށްވަނީ 7.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ނިންމާފައި ވެއެވެ.
މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކުރުމަށް ބެއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މާޒިން އިބްރާހިމް ރަފީޤެވެ. މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓްރީ ވަގުތީގޮތުން ޙަވާލުވެ ހުންނެވި މިނިސްތަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އައްޑޫގައި ތަރައްޤީކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން މަޝްރޫޢު ބަޔަކާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މި ސެންޓަރާއެކު އައްޑޫ ސިޓީ މަސްތުވާތަކެތިން ރައްކާތެރިކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ބޮޑު އެހީތެރިކަމައް ލިބިގެން ދާނެކަމަށެވެ. އަދި ރާއްޖޭގައި މިވަގުތުވެސް މިފަދަ 4 ސެންޓަރު ހުރި ނަމަވެސް މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކަށްވާއިރު އެކަމަށް އިތުރު މިފަދަ ސެންޓަރުތައް ބޭނުންވާކަމަށް ސަފީރު ވިދާޅުވިއެވެ.
އައްޑޫގައި ތަރައްޤީކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން މަޝްރޫޢުއާއިއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައތިބި ޒުވާނުންނަށް އެކަށީގެންވާ ފަރުވާ އާއި އެމީހުން އަނބުރައި މުޖުތަމައަށް ގެނައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގޭ އެކި މަޝްރޫޢުތަކުގެ ތެރޭގައިވެސް އައްޑޫގައި ބޮޑެތި މަޝްރޫޢޫތައް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އައްޑޫގައި ތަރައްޤީކުރާ ޕޮލިސް އެކަޑަމީއާއި މަސް ޕްރޮސެސިންގ 3 ޕްލާންޓާއި އައްޑޫގައި އިކޯ ޓޫރިޒަމް 5 ޒޯން ތަރައްޤީކުރުމާއި އައްޑޫ ސިޓީ މަގުހެދުމާއި ބިން ހިއްކުމުގެ މަސައްކަތުގައި އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.