ކުޅުދުއްފުށީ ސިޓީއަކީ ކޮންމެދުވަހަކު އެތައް ބަޔަކު ޒިޔާރަތްކުރާރަށެކެވެ. އެކިބޭނުންތަކަށް ބޮޑުތިލަދުންމަތީގެ އެތަށް ހާސްބައެއް ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް އައިސް ގޮސްވެއެވެ. ލަފާފުރުމުގައި ދަތިކަމެއް ނެތްނަމަވެސް ކުޅުދުއްފުށީ ބަނދަރުގައި ދަތުރުވެރިން މަޑުކޮށްލާނޭ ހިޔާވައްސެއް ނެތުމަކީ ވަރަށް ގިނަބަޔަކަށް ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމެކެވެ. ހާއްޞަކޮށް ވިއްސާރަ މޫސުމުގައި މިފަދަ ތަނެއް ނެތުމުގެ ސަބަބުން ގިނަބަޔަކަށް ބޮޑެތި ގެއްލުންތައްވެސް މީގެ ކުރިން ލިބިފައި އެބަހުއްޓެވެ.
ދަތުރު ވެރިންނަށް މަޑުކޮށްލާނޭ ހިޔާވައްސަކާއި، ފާހާނާއެއް ބަނދަރު ސަރަހައްދުގައި ނެތުމުން ރަށަށް އަރާ އެތައްބަޔަކު ޓެކްސީނަގައިގެން ގޮސް އާއްމު ފާޚާނާއެއްގެ ގޮތުގައި ހޮސްޕިޓަލުގެ ފާޚާނާ އާއި މިސްކިތުގެ ފާޚާނާވެސް ބޭނުން ކުރަން ޖެހެއެވެ.
ދަތުރު ހިޔަލެއް ނެތުމުގެ ދަތިތަކާއި އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް ޒިއާރަތްކުރާ ދަތުރުވެރިންގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންވެސް ދިޔައީ އިހްސާސްކުރަމުންނެވެ.
އެހެންނަމަވެސް މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކުޅުދުއްފުށީ ކައުންސިލުން މިވަނީ ނިންމާފައެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ދަތުރުހިޔަލެއް ހެދުމަށް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެކު ކައުންސިލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާހެދުމަށް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 3 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. އަދި އެތަން ނިމޭއިރު 2 ފާހާނާއާއި އޮފީސް ބައެއްގެ އިތުރުން ދަތުރުވެރިން މަޑުކޮށްލާނެ ތަނެއް ހުންނާނެއެވެ. މި ދަތުރު ހިޔާ ހެދުމަށް ކައުންސިލް ބަޖެޓުން 1.2 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ދަތުރު ހިޔަލެއް ނެތުމުން ދަތުރުވެރިންނާއި ކުޅުދުއްފުށީގެ ރައްޔިތުން އުފުލަމުން އައި ދަތިތައް މިދަތުރު ހިޔާ ނިމި ހިދުމަތް ލިބެން ފެށުމުން ހައްލުވެގެންދާނެކަމަށް ކައުންސިލުން ވިދާޅުއެވެ.