ކޯވިޑް-19އާއެކު ގައިންގަޔަށް އަރާ ބަލިތައް މަދުވެ، ގައިންގަޔަށްނާރާ އެކިބަލިތަކަށް ދޭ ފަރުވާވަނީ މެދުކެނޑިފައެވެ. ނަތީޖާއެއްގެ ގޮތުން ޙާލުބޮޑުވާ ދުނިޔޭގެ އަބާދީ ބޮޑުވުމުގެ ބިރުވަނީ ބޮޑުވެފައެވެ. މީގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ އެއިޑްސް ބަލި ތަޙައްމަލް ކުރަމުން އަންނަ މީހުންނެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގައި ހިއުމަން އިމިއުނޯޑިފިޝިއެންސީ ވައިރަސް (އެޗްއައިވީ) ނުވަތަ އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ 38 މިލިއަން މީހުން އެބަތިއްބެވެ. އަދި މިދިޔަ އަހަރުއެކަނިވެސް ގާތްގަނޑަކަށް 1.7 މިލިއަން މީހުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. މިބަލީގައި މިދިޔަ އަހަރު ހަލައްކަ ނުވަދިހަހާސް މީހުންވަނީ މަރުވެފައެވެ. އެޗްއައިވީ އެއްކޮށް ރަނގަޅުކުރެވޭ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ބަލި ޖެހިފައިތިބޭ މީހުން ދުޅަހެޔޮކޮށް އަދި އެމީހުންގެ ޢުމުރު ދިގުކުރުމަށް އެންޓިރެޓްރޯވައިރަލް ބޭނުންކުރަމުން އަންނަ މީހުންގެ ނިސްބަތް 68 އިންސައްތައަށް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ.
އެޗްއައިވީއާ މެދު މީހުން ހޭލުންތެރިކުރުވުމާއި ބައްޔަށް ޓެސްޓުކޮށް ބަލިޖެހިފައިވާ މީހުން ދެނެގަނެ ފަރުވާގެ ކަންކަން ކުރިއަށްގެންދިޔުމަށް ކޯވިޑް-19އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ. މިއާއެކު ފަރުވާއެއް ހޯދިފައިނުވާ މިބަލީގެ ނުރައްކަލަށް ހުށައެޅިފައިވާ މީހުންގެ ޢަދަދު އިތުރުވެ ސިއްޙީ އިތުރު މައްސަލަތަކަކާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކުވެސް އެއިޑްސްގެ ނުރައްކާ ކުޑަކުރުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ އެއިޑްސް ބަލީގެ ދުވަހެވެ. ޑަބްލިއުއެޗްއޯއިން މިއަހަރުގެ އެއިޑްސް ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ގްލޯބަލް ސޮލިޑޭރިޓީ، ރިޒިލިއެންޓް ސަރވިސް".މިޝިޢާރެވެ.
ރާއްޖޭގައި އެއިޑްސް ބަލީގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ މީގެ 33 އަހަރުކުރިން 1987 ވަނަ އަހަރުއެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި އެއިޑްސް ބައްޔަށް ހުށައެޅިފައިވާ މީހުންގެ ޢަދަދު މަދުނަމަވެސް ރާއްޖޭގައި އެޗްއައިވީ ވައިރަސްއަށް މަގުފަހިވާ އާދަތައް އިތުރުވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވައި އެފަދަ އާދަތަކާއި ދުރުވުމަށް ބާރުއެޅުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.