އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް، ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އެންމެ ރައްކާތެރި، އެންމެ ކާމިޔާބު ވެކްސިން ލިބެން އޮތީ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށްގެންކަމަށާއި ރާއްޖެއިން ވެކްސިން ހޯދުމަށް އެ ފެސިލިޓީއަށް ހުށަހެޅި އެޕްލިކޭޝަން މިހާރު ބަލައިގަނެފައިވާކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ވެކްސިނެއްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އެ ވެކްސިން ރާއްޖެއަށް ވީ އެންމެ އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި މިހާރު ވަމުންދާ ތައްޔާރީތަކާއެކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ފެށާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހަން ފަށާއިރު އާބާދީގެ 3 އިންސައްތައަށް ވެކްސިން ޖަހާނެކަމަށާއި، މި ބައިގައި އެންމެ އިސްކަންދޭނީ ފުރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކުރު ހާލަތުގައި ތިބި މީހުންނަށްކަމަށް ޑރ، ނަޒްލާ ވިދާޅުވިއެވެ.
މި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ޤައުމީ ވެކްސިން ޕްރޮގްރާމްގެ މެންބަރު ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ދިނުމުގެ މަސައްކަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށްވުމުން އެކަމުގައި އިސްކަންދޭނެ ވަކި ތަރުތީބެއްވެސް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ކޯވިކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭ ވެކްސިންގެ ތެރެއިން 3 އިންސައްތަ ޚާއްޞަކޮށްފައިވާނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންނެވެ. އެގޮތުން ޤައުމީ ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ރައްކާކުރާނެ ގޮތާއި ވެކްސިން ދޭނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.