ޚަބަރު

ކޯވިޑް-19 : ވެކްސިން ޖަހަންޖެހޭ މީހުންގެ މަޢުލޫމާތު އެއްކުރަނީ


ކޯވިޑް-19ގެ ވެކްސިން ދިނުމަށް މިހާރު ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެކްސިން ޖަހަންޖެހޭ މީހުންގެ މަޢުލޫމާތު އެއްކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމަސައްކަތް މިހާރު، އަތޮޅުތަކުގައި ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި މާލޭގައި މިމަސައްކަތް ފަށާނެތާރީޚެއް ވަރަށް އަވަހަށް ޢިއުލާންކުރައްވާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. އެގޮތުން ރަށްރަށުގައި ތިބި ވެކްސިން ޖަހަންޖެހޭ މީހުންގެ ޢަދަދު ކައުންސިލްތަކާ ގުޅިގެން ބަލަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ވެކްސިން ޖަހަންޖެހޭ މީހުން ގިންތިކޮށް މިހާރުވަނީ ނިންމާފައެވެ. އެގޮތުން ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށްވެސް ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އިޖުތިމާޢީ އިޤްތިޞާދީ ދާއިރާގައި ކުރީސަފުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ.

އަންނައަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ވެކްސިން ޖެހުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. ވެކްސިން ޖެހުމުގައި އިސްކަންދޭނެ މީހުން ގިންތިކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އާބާދީގެ %20 އަށް ހިލޭ ވެކްސިން ލިބޭނޭގޮތް މިހާރު ހަމަޖެހިފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެއިތުރުން މުޅި އާބާދީއަށް ވެކްސިންދެވޭ މިންވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވެކްސިން ހޯދުމަށް ފޮނުވި އެޕްލިކޭޝަން ޤަބޫލުކުރިކަމުގެ ލިޔުން މިހާރު ރާއްޖެއަށް ލިބިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން ވެކްސިން ރައްކާތެރިކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސްވަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެއިތުރުން ވެކްސިން ޖަހައިގެން ކުރިމަތިވާ ކަންކަމާ ކުރިމަތިލުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މުޅި އާބާދީއަށް އެއްފަހަރާ ދެވޭ މިންވަރަށް އަދި ވެކްސިން ނުލިބެއެވެ. ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ދިނުމަށް އަތޮޅުތަކާއި މާލެ ތައްޔަރީ ޙާލަތަކަށް ގެނައުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.