މާލެއާއި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ބާސްކެޓްގެ އިިތުރު ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަހުމަދު އާދަމް ވިދާޅުވެއްޖެއެވެ.
އަހުމަދު އާދަމް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސްގެ މާގާމަށް އިންތިޚާބު ކޮށްފައިވަނީ ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކާއެކު، ވޯޓްގައި ބައިވެރިވި 21 ކުލަބްގެ ތާއީދުއާއެކުއެވެ.
ރާއްޖޭގައި މިވަގުތު ބާސްކެޓް ކުޅެމުންދަނީ ޒުވާނުންގެ މަރުކަޒުގައެވެ. ޒުވާނުންގެ މަރުކަޒަކީ ވޮލީ، ނެޓްބޯޅަ އަދި އެހެން ކުޅިވަރުތައްވެސް ކުޅޭ ތަނެކެވެ. އަލަށް އެމްބީއޭގެ ރައީސްކަމަށް އިންތިޚާބް ކުރި އަހުމަދު އާދަމް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު ޗެލެންޖަކީ ބާސްކެޓް ކުޅޭނެ ފެންވަރު ރަނގަޅު ބާސްކެޓު ކޯޓު ނެތުމުގެ މައްސަލަކަމަށެވެ. އަދި މާލެއިން ބޭރުން އަތޮޅުތަކުގައި ހުރި ކޯޓްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބޭނުން ކުރެވެން ހުރި ކޯޓްތައްވެސް މަރާމާތު ކުރަންޖެހިފައިވާކަމަށް އާދަމް ވިދާޅުވިއެވެ. މާލެއިން ބޭރުން އިތުރު އަތޮޅު ތަކުގައި ބާސްކެޓް ކުރިއެރުވުން ނަގާފައިވަނީ ޗެލެންޖެއްގެ ގޮތުގައިކަމަށް ވެސް އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ. އެކުވެނި އައުޓްޑޯ ކޯޓްގައި ކުލަބްތަކުން ވައިޑީޕީ ޕްރޮގްރާމްތަކާއި އެސޯސިއޭޝަންގެ ބައެއް މުބާރާތްތައްވެސް ކުރިއަށް ގެންދެއެވެ. ނަމަވެސް ވާރޭ ވެހޭ ދުވަސްވަރު އެތަން ބޭނުން ނުކުރެވޭކަން އާދަމް ފާހަގަކުރިއެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މާލޭގައި ބާސްކެޓް ކުޅުމާއި ފަރިތަކުރުންތައް ހުއްޓުމަކަށް އައުމުން އަތޮޅުތެރޭގައި ބާސްކެޓް ކުރިއެރުވުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދިޔަކަމަށާއި ޔޫތް މިނިސްޓްރީ އާއި ގުޅިގެން ފަސް ވަރަކަށް ކޯޓް ގްރޭޓަރ މާލެ ސަރަހައްދުގައި އެޅުމުގެ މަސައްކަތް މިއަންނަ އަހަރުގެ ތެރޭގައި ކުރަމުންދާކަމަށް އާދަމް ވިދާޅުވިއެވެ. އަދި މިހާރު އެމަސައްކަތްވަނީ މިއަންނަ އަހަރުގެ ބަޖެޓްގައިވެސް ހިމަނާފައި ކަމަށް މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ. އާދަމް ވިދާޅުވީ ވިލިނގިލީގައި އަޅާފައިވާ ކޯޓު ރަގަނޅު ކުރުމުގެ މަސައްކަތް މިއަންނަ އަހަރު ކުރެވޭނެކަމަށެވެ. އެސޯސިއޭޝަނަށް އަލަށް އިންތިޚާބުވި ރައީސް ވިދާޅުވީ ރަށްރަށުގައި ބޭނުންވާ ވަރަށް ކޯޓަތައް އެބަހުރިކަމަށާއި ނަމަވެސް ބައެއް ރަށްރަށުގެ ކޯޓުތައް ވީރާނާވެގެން ދިއުމުގެ އިތުރުން ބައެއް ރަށުގައި އަޅާފައިވާ ކޯޓުތަކަކީ ބާސްކެޓް މިންގަނޑުތަކަށް ނުފެތޭ ކޯޓްތަކަކަށްވާތީ، މިހާރު އެކޯޓުތައް މިންގަނޑުތަކަށް ފައްތަން މަސައްކަތް ކުރަމުންދާކަމަށާއި އެފަދަ މަސައްކަތެއް ފުވައްމުލަކުގައިވެސް މިހާރު ކުރިއަށްދާކަމަށެވެ. އަދި އައްޑޫ ސިޓީގައި ހާދާފައިވާ ބާސްކެޓު ކޯޓް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އަންނަ ހަފްތާގެ ތެރޭގައި އެސީޓީއަށް ގެންދެވޭނެއެވެ. ގއ.ވިލިގިއްޔާއި ހއ.ދިއްދޫގެ ކޯޓު މާރަމާތު ކުރުމުގެ މަސައްކަތް މިއަންނަ އަހަރުގެ ކުރީކޮޅުގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މުހައްމަދު އާދަމް ވިދާޅުވިއެވެ. މާލެއިން ބޭރުން އަތޮޅުތަކުގައި ބާސްކެޓް ކުރިއެރުވިއްޖެނަމަ، ފެންވަރު ރަނގަޅު ބާސްކެޓު ކުޅުންތެރިން އުފެދި ބާސްކެޓު ކުރިއެރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށްވެސް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ.