ބ.އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. ބ. އަތޮޅު ހޮސްޕިޓަލާއ އެ އަތޮޅު ކައުންސިލް ގުޅިގެން ބާއްވާ މި ކޭމްޕްގައި ހަރަކާތްތެރިވާނީ އައިކެއާގެ ޑޮކްޓަރުންނެވެ.
މިކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި ނަން ނޯޓުކުރުމަށް އިއްޔެ ހުޅުވާލުމުން ގިނަ ބަޔަކު ނަންނޯޓުކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އެހެންކަމުން ނަން ނޯޓުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށާއި އެހެންނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުދުވަސްވީ މީހުންނަށް މިކޭޕްގައި ބައިވެރިވުމަށް ނަން ނޯޓް ކުރެވޭނެ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އެހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި މިކޭމްޕްގައި ބައިވެރިވުމަށް އިއްޔެ އެކަނިވެސް 585 މީހުން ނަން ނޯޓުކޮށްފައިވެއެވެ.
އާސަންދައިގެ ޚިދުމަތްވެސް ލިބޭގޮތަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ކޭމްޕްގައި ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލޮލުގެ ނަންބަރު ނަގައިދިނުމާއި އައިނު ހެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅު ހޮސްޕިޓަލުގައި މިމަހުގެ 24- 28 އަށެވެ.