ވިޔަފާރި

މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަކުރުމަށް ލަންކާއާއި ރާއްޖެ ކޭބަލްއަކުން ގުޅާލައިފި


ރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެޅޭ "މޯލްޑިވްސް-ސްރީ ލަންކާ ކޭބަލް" ސްރީ ލަންކާއިން ހުޅުމާލެއާއި ގުޅާލައިފިއެވެ.

ވޭވްލެންތު ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީއަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ކޭބަލްއެކެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓަރއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ވަނީ ފަށާފައެވެ. ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އަދި ދިރާގުން ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަން" މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

22 މިލިއަން ޑޮލަރުގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ ގައުމުގެ މުޖުތަމައު އަދި އިގްތިސާދު ކުރިއާރާދާނެކަމީ ޔަގީންކަމެއްކަމަށް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބުނެއެވެ.