ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިޒާގައި ރާއްޖެ އަންނަ ބޭރު މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ކަނޑައަޅާ އާޢްމު ސިއްޙަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.
އެޗްޕީއޭއިންކުރި އިއުލާނެއްގައި ވިދާޅުވީ އަލަށް ގެނެވުނު ބަދަލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
ޢާއްމު ސިއްޙަތުގެ ޤާނޫނުގެ ދަށުން ލުއިދިނުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިޒާގައި އަންނަ މީހުންގެ ތެރެއިން 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް އޮންނަ މީހުން ކަރަންޓީންވާން ނުޖެހެން ހިމެނެއެވެ. އެހެންނަމަވެސް މިފަރާތްތަކުން ގޭގައި އުޅޭއިރު 10 ދުވަސްވަންދެން މާސްކު އެޅުމަށާއި އެކަހެރިވެ ތިބުމަކީ އެދެވިގެންވާކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ އުސޫލަށް މިބަދަލު ގެނައުމަށް ނިންމާފައިވީނަމަވެސް ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރަށްރަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ގްރޭޓަރ މާލެ ސަރަޙައްދަށް އަންނަ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒްތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީން ވާންޖެހޭނެއެވެ. އަދި މިފަރާތްތަކުން ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ޕީސީއާރް ޓެސްޓު ހަދަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭއިރު، 1 އަހަރުން ދަށުގެ ކުޑަކުދިން މިކަމުން އިސްތިސްނާވާނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އަލަށް ދިން ލުއިތަކުގެ ތެރޭގައި ކުރުމުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީއާރް ޓެސްޓު ހެދުމަށް ކަނޑައަޅާފައި އޮތް އޮތުންވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ ދަށުން ދެވުނު ލުޔާއެކު ކުރު މުއްދަތަކަށް އެކި ބޭނުން ތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން އެފަރާތްތަކުން ރަށްރަށްގޮސް ޢަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން އަންނަނީ ޙާލަތަށް ރިޢާޔަތްކޮށް ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ކުރިއަށްގެންދިޔަ ސީރޯ ޕްރިވެލެންސް ސަރވޭއަށް ބެލުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. މިދުވަސްވަރަކީ ސްކޫލް ބަންދުވުމަށްފަހު ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެއްކަމުން އެޗްޕީއޭއިން ގެންދަނީ ހުރިހާ ފަރާތްތަކަކުންވެސް ކޯވިޑް-19އިން ރައްކާތެރިވުމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.