ޚަބަރު

ކުރު މުއްދަތަށް، ރަށްރަށަށް ދާމީހުންގެ ޒިންމާ ކައުންސިލްތަކަށް


މީހުން ދިއިރުޅޭ ރަށްރަށަށް ކުރު މުއްދަތަކަށް ދަތުރުކުރާއިރު ފުލުހުން ނުވަތަ އެޗްޕީއޭގެ ހުއްދަ ހޯދައި އެކަން އެދަތުރުކުރާ ރަށެއްގެ ކައުންސިލަކަށް އަންގަންޖެހޭގޮތަށް ކަނަޑައަޅައިފިއެވެ. މިގޮތަށް ކަނޑައެޅީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު މުރާޖާކުރުމަށްފަހުއެވެ.

މިއުސޫލުގެދަށުން ރަށްރަށުގެ ރައްކާތެރިކަމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ޢަމަލުތައް ބަހައްޓާނަމަ ފުލުހުންނާގުޅިގެން އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކައުންސިލްތަކާވަނީ މަތިކޮށްފައެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ގިނަ ލުއިތަކެއް އެޗްޕީއޭއިން ދެމުން ގެންދާއިރު ދެމުންދާ ލުއިތައް ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނީޓަރ ކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު މުރާޖާކޮށް މިހާރުވަނީ ޢާއްމު ޚިދުމަތްތައް ދިނުމަށް ކުރު މުއްދަތަކަށް ރަށްރަށަށް ދާމީހުންގެ މަޢުލޫމާތު ރަށްރަށުގެ ކައުންސިލްތަކާ ޙިއްސާކުރަން މިހާރުވަނީ އަންގާފައެވެ. އެގޮތުން ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދާމީހުން ރަށްރަށަށް ދިޔުމުގެ ކުރިން ފުލުހުންނާއި އެޗްޕީއޭގެ ފަރާތުން ހޯދާ ލިޔުންތައް ކައުންސިލާ ހިއްސާކުރަންޖެހޭގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.

އަލަށް ގެނައި ބަދަލުގައި ބަޔާންކޮށްފައިވަނީ ރިސޯޓުތަކަށް މިފަދަ ޢާއްމު ޚިދުމަތްތައް ދިނުމަށްދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނީ އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ "ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓު ޕްރިވެންޓް ކޯވިޑް-19 ޓްރާންސްމިޝަން އިން ދަ ޓުއަރިޒަމް ސެކްޓަރ"ގައި ބަޔާންކުރާ ގޮތަށްކަމަށެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޯވިޑް-19އާ ގުޅިގެން ޢަމަލުކުރަމުން އަންނަ އުސޫލެވެ.

އެޗްޕީއޭއިން މުރާޖާކޮށް ޢާއްމުކޮށްފައިވާ އުސޫލުގައި ޢާއްމު ޚިދުމަތުގެ ގޮތުގައިވަނީ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ކޭބަލް އަދި މީޑިއާ ނެޓްވަރކްގެ ޚިދުމަތް ދިނުމަށާއި ބޭންކުގެ ޚިދުމަތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި މެއިންޓެނެންސް މަސައްކަތްތަކާއި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫޢާގުޅޭ މަސައްކަތްތަކާއި މިނޫންވެސް ޢާއްމު ޚިދުމަތުގެ ގޮތުގައި ބެލެވޭ މަސައްކަތްކުރާ މީހުންވަނީ ބަޔާންކޮށްފައެވެ.

މިއުސޫލުގެ ދަށުން ކުރު މުއްދަތެއްގައި މަސައްކަތްކުރުމަށް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަން ބޭނުންވާ ބަޔަކު އެކަމަށްޓަކާ ހޯދަންޖެހޭ ޚާއްސަ ހުއްދަ އެޗްޕީއޭއިން ނަގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިޚާއްސަ ހުއްދައިގެ ދަށުން ކުރުމުއްދަތަކަށް ރާއްޖެ އާދެވޭނީ 10 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރާއްޖެ އަންނަ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާކީ

ތިގޮތަށް ކުރުމުއްދަތައް ބޭސްފަރުވާއަށް މާލެ ގޮސް އައިސް ކަރަންޓީނު ވާން ނުޖެހޭގޮތް ހަދާބަލަ