ވިޔަފާރި

އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި


ދިވެހިރާއްޖޭގެ އުފެެއްދުންތެރިކަމުގެ ޤައުމީ މައުރަޒް 2015 އެކްސްޕޯ 18 އާއި ގުޅިގެން ޕަބްލިކް ސަރވިސް މީޑިޔާއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގުޅިގެން މަސައްކަތްކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް އެވެ.  އަދި މިނިސްްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު އެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، އުފެއްދުންތެެރިކަމުގެ މައުރަޒަކީ ވީހާވެސް ގިނަ ބަޔަކު ޝައުޤުވެރިވާ ފަދަ މައުރަޒަކަށް ހެދުމުގެ ގޮތުން އާންމުން ޙޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.'' މައުރަޒް ގިނަ ބަޔަކަށް އިސްތިހާރުކުރުމާއި، އާންމުންގެ ގިނަ ބަޔަކު މިކަމަށް ޝައުޤުވެރިވާނެ ގޮތަށް އާންމުން ޙޭލުންތެރިކުރުމާއި، މައުރަޒަށް ސްޕޮންސަރ ހޯދުމަށް އެހީތެރިވެދިނުމުގައި ޕީއެސްއެމް އިން މަސައްކަތްކޮށްދޭނަން '' އިކްރާމް ވިދާޅުވި އެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ، ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ އުސޫލުތަކާއި ޤަވާއިދު މިހާރު ގެޒެޓްކޮށްފައިވާ ކަމަށެވެ. އަދި މައުރަޒުގެ ސަބަބުން ދިވެހިންގެ އުފެއްދުންތެރިކަން ބައިނަލްއަޤްވާމީ ބާޒާރަށް އިސްތިހާރުކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކުރެވި، މައުރަޒްގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި އެވެ.'' މައުރަޒުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ލިބި، ބާރލިން ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ. އަދި އަންނަ އަހަރު އޮންނަ އިވެންޓުތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ'' ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވި އެވެ.މިއަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒްގައި ހިލޭ ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު މަސައްކަތްތެރިކަމާ އުފެއްދުންތެރިކަމުގެ ދާއިރާތަކުގައި އުޅޭ ވީހާވެސް ގިނަ ބަޔަކު މައުރަޒުގައި ބައިވެރިވުމަށް މިނިސްޓްރީންެ އެދިވަޑައިގަންނަވައެވެ.