2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން މުދަލާއި ޚިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓް އުސޫލުތަކާއި ޚިލާފަށް އެތައް މިލިޔަން ރުފިޔާއެއް އިތުރަށް ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ރަށްރަށުގެ މަގުތައް ހަދައި ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމުގެ މަޤްސަދުގައި 24 އޯގަސްޓް 2010 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހިންގުން ހުއްޓުމަކަށް ގެނެސް ކުންފުނީގެ މުވައްޒަފުން ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ބަދަލުކޮށް ކުންފުނީގެ މުދަލާއި ތަކެތި ސަރުކާރުގެ އެކި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓާއި ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ އެކުންފުނިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނި ހިންގުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަކޮށްފައެވެ. އެގޮތުން ހަތަރު ރަށެއްގެ މަގު ހެދުމަށް ކުއްޔަށް ހިފައިގެން އެމްއާރްޑީސީން އެ ރަށްތަކަށް ގެންދިޔަ ވެހިކަލްތައް ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހައްޓުމަށްފަހު އެ ވެހިކަލްތަކުގެ ބޭނުން ނުކޮށް ހުރި ދުވަސްތަކުގެ ކުއްޔަށް 5.53 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވުން ހިމެނެއެވެ. އަދި އެކުންފުންޏަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އުސޫލާ ޚިލާފަށް، ސިމެންތި ސަޕްލައި ކުރުމުގެ ކުރިން 10 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެމްއާރްޑީސީގެ ބޭނުމަށް 200 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ގަތުމަށް 2014 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ޖުމުލަ އަގުގެ %50އަށްވާ ފައިސާ ދީފައިވާއިރު އެ ފައިސާގެ ތެރެއިން 5 މިލިއަން ރުފިޔާ ދީފައިވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށްކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
މީގެއިތުރުން އެމްއާރްޑީސީއަށް ގައު ސަޕްލައިކޮށްދިނުމުގެ މަސައްކަތާ ހަވާލުވި ކުންފުނިން ހުށަހެޅި 5 މިލިއަން ރުފިޔާގެ އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވެގެން އިތުރަށް 2.29 މިލިޔަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާކަންވެސް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި ބައެއް މަސައްކަތްތައް ސަބްކޮންޓްރެކްޓް އުސޫލުން ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ހަމައެކަނި އެންމެ ފަރާތަކުން އަގު ހޯދައިގެންކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ބައެއް ކުންފުނިތަކަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް ދީފައިވާކަންވެސް އޮޑިޓް ރިޕޯޓުން ފާހަގަވެފައެވެ.
އެމްއާރުޑީސީގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އޭރުގެ މެނޭޖްމަންޓުގެ އިިހުމާލުން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވާ މައްސަލައެވެ. އަދި އެމައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފައެވެ.