ޚަބަރު

ނީލަން ފިހާރައިގެ މައްސަލަ : ޒިންމާވާންޖެހޭނީ ކޮންބައެއް؟


މާލޭގެ ފަޅުމަތީ މަގުގައި ހުންނަ ނީލަން ފިހާރަ ހިމެނޭ ސަރައްޙައްދުގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރީގެ މައްސަލައަކީ ޒަމާންވެފައިވާ އެހެންނަމަވެސް އަދިވެސް ޙައްލެއް ލިބިފައިނުވާ މައްސަލައެކެވެ. މިސަރަޙައްދުން ޢާއްމުކޮށް ދަތުރުކުރާ ފަރާތްތަކަށް މުޅި މަގުގެ ދެފަރާތުގައި އަތުރާފައިވާ މުދާތަކަކީ އާ މަންޒަރެއް ނޫނެވެ. އަދި ނީލަންފިހާރައަށް މުދާ ގެނައުމަށާއި މުދާ ގެންދިޔުމުގައި ހަރަކާތްތެރިވާ އުޅަނދުތަކުން އެމަގުން ދަތުރުކުރާ އެހެން އުޅަނދުތަކަށް އެމަގު ބޭނުންކުރަން އޮންނަނީ ދައްޗަކަށްވެފައެވެ. މިއީ އާއްމުންގެ އެތައް ޝަކުވާތަކެއް ކަމާ ގުޅޭ ގިނަ އިދާރާތަކަށް ލިބޭ އިޖުތިމާޢީ އެހެނިހެން ގިނަ މައްސަލަތަކަށް ހުޅުވިފައިވާ ދޮރެކެވެ.

ނީލަންފިހާރައިގައި އެއްފަހަރަށްވުރެ ގިނަ ފަހަރު އަލިފާނުގެ ނުރައްކާތެރި ޙާދިސާތައް ހިނގާފައިވެއެވެ. މިއިން ކޮންމެ ފަހަރެއްގައިވެސް ކަމާބެހޭ ފަރާތްތަކުން ވިދާޅުވަނީ މިތަން އެހެންތާކަށް ބަދަލުކޮށްގެން ނޫނީ ޙައްލެއް ނެތްކަމަށެވެ. އެހެންނަމަވެސް މިވީހާތަނަށް މިމައްސަލައެއް ޙަލެއް ލިބިފައެއް ނުވެއެވެ. މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ނީލަން ފިހާރަ ހިންގާ ބިންތަކުގެ މަޢުލޫމާތާއި އެތަންތަން ހިންގާ ފަރާތްތައް ކަށަވަރު ނުކުރެވޭކަމަށް ވިދާޅުވެފައެވެ.

ނީލަން ފިހާރަ ހިމެނޭ މަގުގެ ދެ ފަރާތުގައި ގަވާއިދާ ޚިލާފަށް މުދާ އަތުރައިގެން ދިވެހިންނާއި ބިދޭސީން ވިޔަފާރިކުރަމުންދާއިރު، އެމަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ބޮޑެތި އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް ފާހަގަކުރާ މައްސަލައެކެވެ. އެހެންކަމުން މިމައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލާއި ގުޅިގެން ޓްރެފިކް ފުލުހުން ވަނީ އެމަގުގެ ޓްރެފިކަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުރިން ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ބޭނުންކުރި އެމަގު، މިހާރު ވަނީ އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފައެވެ.

ނީލަން ފިހާރައިގެ މައްސަލާގައި މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ގިނަވެގެން ޝަކުވާ ބޮޑުވުމުން ކޮންމެ ފަހަރަކުވެސް ފުލުހުންނާ ގުޅިގެން ސާފުކުރައްވާކަމަށެވެ. އަދި ފިޔަވަޅެއް އެޅުމަށް ވިސްނާއިރު މަގުމަތީ ހުންނަ މުދަލުގެ ވެރިފަރާތެއް ނުހުންނަކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިކަމަށް ދާއިމީ ޙައްލެއް ލިބޭނީ މަގުމަތީގައި މިފަދަ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންކަމަށެވެ.

"ސިޓީ ކައުންސިލްގެ ނެތް މަގުތަކުގަ އެއްޗިހި ބެހެއްޓީމަ ޖޫރިމަނާ ސްލިޕް ދިނުމުގެ ބާރެއް. އެބަތިބި މަގު ބަލަހައްޓާ ބައެއް. ކުރީގެ އަވަށު އޮފީސްގަ އޮވޭ. އެކަމަކު މިހާރު އެހުއްދަ އޮތީ އީޕީއޭ އަތުގަ. މިހާރު މިދަނީ އީޕީއޭއާއެކު މަޝްވަރާ ކުރަމުން، އެހުއްދަ ކައުންސިލްއަށް ހޯދުމަށް. މަގުމައްޗަކީ އެއްޗިހި ބަހައްޓާ ތަނެއް ނޫން. އެކަމަށްޓަކާ މިމަސައްކަތްކުރަނީ." ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވާ ގޮތުގައި މިކަމުގެ ފިޔަވަޅު އެޅުމުގެ މަސްއޫލުވެރިއަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއެވެ. ސަބަބަކީ މަގުމަތީގައި ގަވާއިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ އީޕީއޭއަށްކަމަށްވާތީއެވެ.

ޕީއެސްއެމް ނިއުސްއިން ކުރިސުވާލަކަށް ޖަވާބު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ ނީލަން ފިހާރަ ހިމެނޭ މަގުގައި ހުރީ ރައްޔިތުންގެ މުދާކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ މުދަލަކަށް ފިޔަވަޅު އެޅުމުގެ ބާރެއް އީޕީއޭއަށް ނޯންނަކަމަށާއި އެއީ އީޕީއޭގެ ޒިންމާއެއް ނޫންކަމަށް ނައީމް ވިދާޅުވިއެވެ.

ނީލަން ފިހާރައާއި އެތަން ހިމެނޭ ސަރަޙައްދުގެ ސާފުތާހިރުކަމަކީވެސް ޢާއްމުންގެ ޝަކުވާ ގުޅިފައިވާކަމެކެވެ. މިމައްސަލަ ބޮޑުވެ އެކި ފަހަރުމަތިން އެޗްޕީއޭއިން އެންގުމާއެކު ސިޓީ ކައުންސިލުން ވަނީ ފުލުހުންނާ ގުޅިގެން މިސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވެސްކޮށްފައެވެ. ކުރިއަށް އޮތީ ސްކޫލްތައް ހުޅުވޭ ދުވަސްވަރެވެ. މިސަރަޙައްދުގައި އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ޤައުމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖް ހިމެނޭއިރު މިއީ ދަރިވަރުންނާއި ބެލެނިވެރިން ޢާއްމުކޮށް ބޭނުންކުރާ އެއްމަގެވެ. އެހެންކަމުން މިއީ ކުދިންނާއި ބެލެނިވެރިންގެ ރައްކާތެރިކަމާވެސް ގުޅިފައިވާ މައްސަލައެކެވެ.