މާޒިޔާގެ ކޯޗްކަމުން މުހައްމަދު ނިޒާމް ވަކިވިއަސް ކުޅުންތެރިންނަށް އޭގެ އަސަރު ނުކުރާކަމަށް މާޒިޔާގެ އެސިސްޓަންޓް ކޯޗް އަހުމަދު ސުޒެއިރު ބުނެފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ކުލަބް ވެލެންސިޔާ އާއި މާޒިޔާ ވާދަކޮށް އެއްވަރުވި މެޗްގެ އެއް ދުވަސްފަހުން މާޒިޔާގެ ކޯޗުކަމުން މުހައްމަދު ނިޒާމު ވަނީ އަމިއްލައަށް ވަކިވެފައެވެ. އެޓީމްގެ ކޯޗެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަނީ އެސިސްޓަންޓް ކޯޗް އަހުމަދު ސުޒެއިރެވެ. މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ އެސިސްޓަންޓް ކޯޗް ސުޒެއިރުބުނީ ނިޒާމްގެ އިސްތިއުފާއާއި ގުޅިގެން މިމެޗަށް ނިކުންނައިރު، ޓީމުގެ ކުޅުންތެރިންނަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި ޓީމުގެ ކުޅުންތެރިން ބޭނުންވަނީ އިތުރު ހިއްވަރެއްލައިގެން ދަ ގްރާންޑޭ މެޗް ކާމިޔާބުކުރަންކަމަށެވެ.
ޓީމުގެ ކުޅުމަށް ބަދަލުގެންނަން ވަގުތު ނެތުމާއިއެކު، މެޗްގައި ކުރިއަށްދާނީ ނިޒާމުގެ ކުޅުމުގެ ވައްޓަފާޅިއާއި އެއްގޮތަށްކަމަށާއި އެކަމަށް ބަދަލުގެންނަން އަދި ނުވިސްނާކަމަށްވެސް އެސިސްޓަންޓް ކޯޗް ސުޒެއިރު ބުންޏެވެ. ނިޒާމް ނެތުމުން ކޯޗެއްގެ ޒިންމާ އުފުލަން ޖެހުމުން އެއްވެސް ޕްރެޝަރެއް ނެތްކަމަށާއި އެއްވެސް ހާސްކަމެއްނެތި ލައިންމަތީގައި ހުރެގެން ޓީމަށް އިރުޝާދު ދެވޭނެކަމަށްވެސް ސުޒެއިރު ބުންޏެވެ. ދަ ގްރާންޑޭ އާއި އިދިކޮޅަށް ނިކުންނައިރުގައި އެޓީމުގެ ކުރިއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން މާޒިޔާގެ ކުޅުންތެރިންނަށް އެގޭކަމަށާއި އަދި ބިދޭސީ ކުޅުންތެރިޔާ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް މާޒިޔާގެ ޑިފެންސްލައިނުން ކުރާނެކަމަށްވެސް މާޒިޔާގެ އެސިސްޓަންޓް ކޯޗު ބުންޏެވެ.
"ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ)އަކީ މާޒިޔާ ޓީމު އެންމެ ރަގަނޅަށް އެގޭނެ އެއް ކޯޗު. އެހެންވީމަ އިންމައާއި އިދިކޮޅަށް ނިކުންނައިރުގައި ކޮންމެވެސް ވަރެއްގެ ޖެހިލުމެއް އެބަހުރި. އަދި އިންމައަކީ ކޯޗެއްގެ އިތުރުން ވަރަށް ރަގަނޅު ރަހުމަތްތެރިއެއްވެސްމެ. 9ވަރަކަށް އަހަރު އިންމައާއި އެއްކޮށް މަސައްކަތްކޮށް، މިރޭ އިންމައާއި ދެކޮޅަށް ނިކުންނައިރު، އިންމަގެ ވިސްނުންނަށް އެގޭ. އަދި އިންމައަށް ސުޒެއިރުގެ ވިސްނުންވެސް އެގޭނެ. މިގޮތަށް ކަންތައްތައް ހުރިނަމަވެސް، މެޗުން މޮޅުވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނަން. އެންމެފަހު ކުޅުނު ވެލެންސިޔާ މެޗުން އެއްވަރު ވީނަމަވެސް، ދަ ގްރާންޑޭ މެޗުން މޮޅުވާން ކުޅުންތެރިން ބޭނުންވާކަމަށާއި ކުޅުންތެރިންގެ ކިބައިން އެރޫހު ވަރަށް ބޮޑަށް ފެނޭ." މާޒިޔާގެ އެސިސްޓަންޓް ކޯޗް ސުޒެއިރު ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް(އިންމަ) ބުނީ މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި ދަ ގްރާންޑޭއިން މެޗަށް ނިކުންނާނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަމަށް ދެކިގެންކަމަށެވެ. އަދި މާޒިޔާ ކިތަންމެ ވަރުގަދަވީނަމަވެސް ދަ ގްރާންޑޭއަށް މިމެޗުގައި ރަގަނޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދު ކުރާކަމަށްވެސް އިންމަ ބުންޏެވެ. މާޒިޔާގެ ކޯޗުި ނިޒާމާނުލައި މެޗަށް އެޓީމް ނިކުންނައިރު ބޮޑު ބަދަލްތަކެއް އަންނާނެކަމަށާއި ޓީމަށް ބަދަލުތަކެއް އައިކަމުގައި ވީނަމަވެސް، މާޒިޔާގެ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލައިފައި މެޗު ފަސޭހަ ނުވާނެކަމަށްވެސް ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް ބުންޏެވެ.
"މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ސުޒެއިރުއާއި އެކު ވަރަށް ގިނަ އަހަރުތަކެއްގައިވަނީ މަސައްކަތްކޮށްފަ. އެކަމުގެ ސަބަބުން ފައިދާ ވެ ވާނެގޮސްވެސް ދެ ފަރާތަށްވެސް އެގޭނެ. ހުރިހާ ކަމެއް މިހެން ހުރިކަމުގައިވިއަސް، މާޒިޔާގައި މިހާރު ތިބި ކުޅުންތެރިނަކީ މިރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން. އެއީ ވަކިވަކި ކުޅުންތެރިން މަސައްކަތްކޮށްގެންވެސް ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުންތެރިން. އެހެންވީމަ މިފަދަ ކުޅުންތެރިންނާއި އިދިކޮޅަށް ނިކުންނައިރުގައި ދަ ގްރާންޑޭއިން ވިސްނަންޖެހޭ ކަންތައްތައް ވަރަށް ގިނަވާނެ. ޓީމެއްގެ ގޮތުގައި ކުޅެގެން ދަ ގްރާންޑޭއަށްވެސް މިމެޗުން ޕޮއިންޓެއްވެސް ލިބުމުގެ ފުރުސަތު އޮންނާނެ. މެޗްގެ ނުވަ ދިހަ މިނެޓްގެ ތެރެއިން ކޮންމެ މިނެޓަކަށްވެސް ދަ ގްރާންޑޭއިން ވަރަށް ބޮޑަށް ސަމާލްވާންޖެހޭނެ. މާޒިޔާގެ ކުޅުންތެރިންނަށް ބަލާފަވެސް، މިމެޗް ފަސޭހަކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް. އަދި ދަ ގްރާންޑޭގެ ކުޅުންތެެރިން މެޗް ނިމެންދެންވެސް 100 ޕަސެޓް ދޭންޖެހޭނެ." ދަ ގްރާންޑޭގެ ކޯޗް އިންމަ ބުންޏެވެ.